އަންނަ ކުޑައީދު ދުވަހުގެ ހަވީރު4:00 އިން ފެށިގެން އެރޭގެ މެންދަމު 12:00 އާ ހަމަހަށް ވެހިކަލު ނުދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން މިރޭ ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އެ އޮތޯރިޓީގެ ލޭންޑް ރެޖިސްޓްރާ އިބްރާހިމް ނާޒިމް ވިދާޅުވީ އެއްގަމު އުޅަނދު ފަހަރާ ބެހޭ ގޮތުން ނިންމުމަތައް ނިންމުމުގެ އެއްވެސް ބާރެއް ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށާއި އެފަދަ ނިންމުން ނިންމުމުގެ ބާރު ގާނޫނީ ގޮތުން ލިބިގެން ވަނީ އެ އޮތޯރިޓީ އަށް ކަމަށެވެ. އަދި އެ އޮތޯރިޓީގެ އިތުރުން ފުލުހުންގެ މަޝްވަރާއާ ނުލައި މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނުގައި އެބަބުނޭ މިފަދަ ނިންމުންތައް ނިންމާނީ ޓްރާން ސްޕޯޓް އޮތޯރިޓީންނޭ. ޓްރާންސްޕޯޓް އޮތޯރިޓީ އަށް ނޫނީ މަގުމަތީގައި ވެހިކަލް ދުއްވުން މަނާ ކުރުމުގެ ބާރު ލިބިގެނެއް ނުވޭ. އެހެންނަމަވެސް ސަލާމަތީ ސަބަބުތަކަށް ޓަކައި ސަލާމަތީ ބާރުތަކަށް އެބަލިބޭ ވެހިކަލް ދުއްވުން ވަކި ހިސާބެއްގައި މަނާކުރުމުގެ ބާރު. އެހެންކަމުން އެހެން އެއްވެސް ފަރާތަކަށް ލިބިގެނެއް ނޫވޭ މިވެނި ވަގުތަކުން މިވެނި ވަގުތަކަށް ވެހިކަލް ދުއްވުން މަނާކުރުމުގެ ބާރެއް،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީދު ދުވަހަކީ ވެހިކަލް ނުދުއްވާ ދުވަހެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައި ނުވަތީ އެ ދުވަހު ހަވީރުން ފެށިގެން މެންދަމުގެ ނިޔަލަށް ވެހިކަލް ދުއްވައިގެން އެއްވެސް މީހަކު ކުށްވެރި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލުން އެ ދުވަހު ފައިމަގުގައި އުޅޭ ގޮތަށް ނިންމުމަށް ފަހު ނެރެފައިވާ އިއުލާނުގައި އެއްވެސް ޓެކްސީއެއް ނުދުއްވޭ ގޮތަށް ހެދުމަށް ފަހު ބަސްތައް ދުއްވޭ ގޮތަށް ހެދުމަކީ އާއްމުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމެއް ކަމަށާއި އެހެންކަމުން ސިޓީ ކައުންސިލުން ނެރެފައިވާ އެފަދަ އިއުލާނަކީ ބާތިލް އިއުލާނެއް ކަމަށެވެ.

"އެއިއުލާނަކީ އެއްވެސް ބުރަދަނެއް ހުރި އިއުލާނެއް ނޫން. ހަމަހަމަކަން ގެއްލޭ ގޮތަށް ވަކިބަޔަކަށް މަންފާތަކެއް ލިބޭ ގޮތަށް އެ އިއުލާނުގައި ބަޔާންކޮށްފައި ވަނީ. ލޭންޑް ޓްރާންސްޕޯޓްގައި މާލޭގައި މިއޮތީ ޓެކުސީއާއި ބަސް. ނަމަވެސް އެއްވެސް ޓެކުސީއެއް ދުއްވޭ ގޮތަކަށް ނޫން އޮތީ. އެހެންނަމަވެސް ބަސްތަކަށް ދުއްވޭގޮތަށް އިއުލާނުގައި އޮތީ. އެހެން ވީމާ ކުއްލިއަކަށް ފުރަން އަދި އެކިތަންތަނަށް ދާން ޖެހޭ މީހުންނަށް ވެސް ޓެކުސީއެއް ބޭނުންކުރެވޭ ކަށްނެތް،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ނިންމުންތައް ނިންމާ އިރު މީގެ ކުރިން ވެސް ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީއާއި ފުލުހުންނާއި މަޝްވަރާ ކުރާކަމަށާއި ނަމަވެސް މިފަހަރު ކައުންސިލުން އެފަދަ އިއުލާނެއް ނެރެފައި ވަނީ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އޭނާ ވިދާޅުވީ ދެން ސިޓީ ކައުންސިލުން މަޝްވަރާކުރުމަށް އެދުނު ނަމަވެސް އެފަދަ ހުއްދައެއް ދެވޭނެ ވަގުތެއް ނެތް ކަމަށެވެ.

"ދެން ނެތް މިކަމުގައި ސިޓީ ކައުންސިލުން ވާހަކަ ދައްކައިގެން ހައްލެއްގެނެވޭނެ ވަގުތެއް. އެހެންވީމާ އީދު ދުވަހު ވެހިކަލް ދުއްވޭނެ. އެނިންމުން ބަދަލެއް ނުކުރެވޭނެ."

ސިޓީ ކައުންސިލުން މިދިޔަ މަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކުޑަ އީދު ދުވަހު މާލޭގެ މަގުތަކުގައި ދުއްވޭނީ، އާންމު ދަތުރުފަތުރުގެ ގޮތުގައި ދުއްވާ ބަސްތަކާއި އެމްބިއުލާންސާއި ހުއްދަ ދެވިފައިވާ ވެހިކަލްތައް އެކަނި ކަމަށެވެ.