19 Oct 2025, 15:40
މެޓާގެ މެސެޖިން އެޕްލިކޭޝަން މެސެންޖާގެ ސްޓޭންޑް-އެލޯން ޑެސްކްޓޮޕް އެޕްލިކޭޝަންތައް ވިންޑޯޒް އަދި މެކް އަށް ދިނުން މެޓާއިން ހުއްޓާލަން ނިންމައިފިއެވެ.
މިކަން މެޓާއިން ޔަގީންކޮށްދީފައިވާ ކަމަށް ޓެކް-ކްރަންޗުން ރިޕޯޓްކޮށްފައިވެއެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުން މި އެޕްލިކޭޝަން ހުއްޓާލާނެ ތާރީޚަކީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 15 އެވެ. މި ތާރީޚަށްފަހު، އެޕްލިކޭޝަންތަކަށް ލޮގިންވެވޭނެ ގޮތެއް ނޯންނާނެއެވެ. އޭގެފަހުން ޑެސްކްޓޮޕް އެޕް ބޭނުންކުރާ ފަރާތްތަކަށް މެސެންޖާ ބޭނުންކުރެވޭނެ ގޮތަކީ ފޭސްބުކް ވެބްސައިޓް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުއްޓާލުމާއެކު، ޔޫޒަރުން އޮޓޮމެޓިކުން ފޭސްބުކް ވެބްސައިޓަށް ރީޑައިރެކްޓް ކުރެވޭނެއެވެ.
އެރިޕޯޓްގައި އިތުރަށް ބުނެފައިވާގޮތުން މެކް އަށް ހާއްސަ މެސެންޖާ އެޕް ބޭނުންކުރާ ފަރާތްތަކަށް، އެޕް ހުއްޓާލުމުގެ ކުރިން 60 ދުވަހުގެ ނޮޓިފިކޭޝަނެއް އެޕްގެ ތެރެއިން ލިބޭނެއެވެ. މެޓާއިން ވަނީ ޑެސްކްޓޮޕް އެޕްލިކޭޝަންތައް ބޭނުންކުރާ ފަރާތްތަކަށް، ވެބް ވާޝަނަށް ބަދަލުވުމުގެ ކުރިން ސެކިއުރިޓީ ސްޓޯރޭޖް އެކްޓިވޭޓްކޮށް، ޗެޓް ހިސްޓްރީ ސަލާމަތްކުރުމަށް ޕިންއެއް ސެޓްކުރުމަށް ބާރުއަޅާފައެވެ.
މެޓާއިން ބުނެފައިވާ ގޮތުގައި ވެބް ވާޝަނަށް ބަދަލުވުމުން، ޔޫޒަރުންގެ ޗެޓް ހިސްޓްރީ އެހެން ހުރިހާ ޕްލެޓްފޯމްތަކުން ވެސް ފެންނަން ހުންނާނެއެވެ.
މި ބަދަލު އަންނަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މެޓާއިން ނޭޓިވް މެސެންޖާ އެޕްލިކޭޝަން ބަދަލުކޮށް ޕްރޮގްރެސިވް ވެބް އެޕް (ޕީޑަބްލިއުއޭ) އެއް ތައާރަފްކުރިތާ އަހަރެއް ވެފައި ވަނިކޮށެވެ.
ޑެސްކްޓޮޕް އެޕްލިކޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މި ނިންމުމަށް، ބައެއް ފަރާތްތަކުން ފާޑުކިޔުން ކުރިމަތިވެ، އެ އެޕްއާދަވެގެން ބޭނުންކުރާ ބައެއް ޔޫޒަރުންގެ ފަރާތުން ނުރުހުން ފާޅުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓެކްކްރަންޗް ރިޕޯޓްކޮށްފައިވެއެވެ.