ސިފައިންނަކީ ކެއްތެރި އަހުލާގު ރަނގަޅު ބަޔަކަށް ވުމަށާއި ސިފައިން ސޯޝަލް މީޑިއާ ބޭނުން ކުރާ އިރު ރައްކާތެރި ވުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު އިލްތިމާސް ކުރައްވައިފި އެވެ.

ރޭ ސިފައިންނާ ބައްދަލު ކުރައްވައި ނާޒިމު ވިދާޅުވީ ސިފައިން ސިޔާސީ އޮއިވަރުތަކުގައި ނުޖެހި އަދި ހަގީގަތެއް ނެތް ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި ޒިއްމާދާރުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ކަންކަމާދޭތެރޭގައި އަބަދު ވެސް ޕޮޒިޓިވްކޮށް ވިސްނުމަށާއި ކަންކަމާ މެދު ޤައުމީ މަޞްލަޙަތު އިސްވާނޭހެން ވިސްނެވުމަށް ދިވެހި ސިފައިންނަށް އިލްތިމާސް ކުރައްވައިފައި،" މިނިސްޓަރު ނާޒިމާ ހަވާލާދީ އެމްއެންޑީއެފްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ.

ސޯޝަލް މިޑީއާ ބޭނުން ކުރުމުގައި ރައްކާތެރި ވުމަށް މިނިސްޓަރު ސިފައިންނަށް އިލްތިމާސް ކުރައްވާފައި މި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފުގެ ސީނީއާ އޮފިސަރަކު ދާދިފަހުން ސޯޝަލް މީޑިއާ ބޭނުނުންކޮށްފައިވާ ގޮތުން ޑިސިޕްލިނަރީ ފިޔަވަޅެއް އަޅާފައި ވަނިކޮށެވެ.

ނާޒިމު ވިދާޅުވީ ސިފައިންނަކީ އަބަދު ވެސް ބަދަލުވަމުންދާ ޙާލަތަށް އަހުލުވެރި ދިމާވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލާން ކެރޭ، އިވޭ އަޑުތަކަށް ނުހެއްލި ސާބިތުކަންމަތީ ތިބޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

"ގައުމަށާއި ސިފައިންނަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާ ކާމިޔާބު ހޯދޭނީ އެފަދަ ބަޔަކަށް ވެވިގެން،" ނާޒިމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގޭގެ އެޑްމިނިސްޓްރޭޓިވް ފްރޭމްވަކް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތާ ބެހޭ ސިޔާސަތާއި ޤައުމީ ދިފާޢީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އެ ދެ ސިޔާސަތު ޝާއިޢު ކުރެވުމުން، އޭގެ މައްޗަށް ބިނާކޮށް ޢަސްކަރިއްޔާގެ ކަންތައްތައް އިންތިޒާމްކޮށް ރާވާލުމަށް ސިފައިންގެ ލީޑާޝިޕަށް ބޭނުންވާ ސްޓްރެޓީޖިކް ގައިޑެންސް ލިބިގެންދާނެ ކަމަށެވެ.
އެ ސިޔާސަތުތައް ވުޖޫދަށް ގެނެވުމުން، ސްޓްރެޓީޖިކް ޑިފެންސް ޑައިރެކްޓިވް މުރާޖަޢާކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ޤަސްދުކުރައްވާކަން ވެސް ހާމަކުރެއްވެވި އެވެ.

ސިފައިންގެ ވެލްފެއަގެ ކަންތައްތަކަކީ އެމަނިކުފާނު ވަރަށް ބޮޑަށް ސަމާލުކަން ދެއްވަވައިގެން ކުރިއަށް ގެންދަވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ސިފައިންނަށް މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާންދިނުމުގެ ކަންތައްތައް މިހާރު ވަރަށް ބޮޑަށް ހަމައަކަށް އެޅިފައިވާ ކަމަށާއި ސިފައިންނަށް ޙައްޤުވާ ޕްރޮމޯޝަން އެ ފަރާތަކަށް ދެމުން ގެންދާނެ ކަމުގައި ވިދާޅުވި އެވެ.
އަދި ސިފައިންނަށް ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ލިބޭނެ މަގުތައް ފަހިކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުން އަންނަ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މުޅި ޖުމްލަ ބަޖެޓުގެ ބޮޑުބައެއް މުއައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ޚަރަދުކުރެވެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޢަސްކަރިއްޔާގެ ބައެއް ޚަރަދުތައް ދައުލަތުގެ ބަޖެޓް ފިޔަވައި އެހެން ވަސީލަތްތަކުން ހަމަޖެއްސުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ކޮށްއުޅޭ ކަމެއްކަމަށެވެ.