އިންޑިއާގެ 66 ވަނަ މިނިވަން ދުވަސް އިއްޔެ ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ވެސް ފާހަގަކޮށްފި އެވެ.
އިންޑިއަން ހައި ކޮމިޝަންގައި އިއްޔެ އޮތް ހަފުލާގައި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއަން ކޮމިއުނިޓީގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

އެ ގައުމުގެ މިނިވަންކަން ފާހަގަ ކުރުމަށް ބޭއްވި ބައްދަވުމުގައި ދިދަ ނަންގަވައިދެއްވީ ހައި ކޮމިޝަނަރު ޑީއެން މުލޭ އެވެ. އެ އަށް ފަހު އޮތީ ގައުމީ ސަލާމް ކިއުމެވެ. އަދި ދުވަހާ ބެހޭ ގޮތުން އިންޑިއާގެ ރައީސްގެ ސްޕީޗު ވެސް މުލޭ ކިއުއްވި އެވެ.

އެ ރަސްމިއްޔާތުގައި މުލޭ ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ ވެލްފެއާ އަށް އެހީ ވުމާއި އަދި ނިކަމަތިންނަށް އެހީތެރި ވުމަށް ވެސް މުލޭ ގޮވާލެއްވި އެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ލޯކަލް ކޮމިއުނިޓީ އިން ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅުކުރުމަށް ވެސް ގޮވާލެއްވި އެވެ.