އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަން އަޅަން ބިންގާ އަޅައި، މަޝްރޫއުތައް ފަށަމުން އަންނައިރު، 36 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ އެ ޚިދުމަތުން ދޭ މަޢުލޫމާތާ އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޓަކައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުންރަޖިސްޓްރީވާންފުލުހުން ވަނީ އެދިފައެވެ. ފުލުހުން ބުނީ ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ކަމަށެވެ.

ރަޖިސްޓްރޭޝަން ފުރިހަމަކުރުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މަޝްރޫއާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ މާދަމާ މެންދުރުފަހު 12:00 ގެ ކުރިން ފުލުހުންގެ ޕްރޮކިއުމަންޓް މެއިލް،[email protected]އަށް މެއިލްކުރަން ވަނީ އެދިފައެވެ.

ރައީސް ޑރ. މުއިއްޒު އަތޮޅު ތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ހަވާލުކޮށް ބިންގާ އެޅުމުގެ ހަފްލާތައް އަންނަނީ ބާއްވަމުންނެވެ.