އަމީނީމަގުގައި އެންމެ ފަހުން ތާރު އެޅި ސަރަހައްދުގައި ހިއްލިފައި ހުރި ތަންގަނޑުގަނޑު ނަގައި ނިންމައި މަގު ހަދާނެ ކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނި ނަމަވެސް، އެ ކަން ނުނިމި، އެ ކަން ނިންމޭނެ ކަމަށް ބުނި މުއްދަތު ފަހަނައަޅައި ހިނގައްޖެއެވެ.

އަމީނީމަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް އެ މަގު ތަރައްގީކުރަން ފެށީ މިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. މި ސަރުކާރު ހަވާލުވިއިރު ނުނިމި އޮތީ ފުޑް ކޯޓުން ފެށިގެން އިރުމައްޗަށް، ދިރާގު މައި އޮފީހާ ދިމާލަށްވާ ގޮތަށް އޮތް ސަރަހައްދެވެ.

މި ސަރުކާރުން ނިންމި އަމީނީމަގުގެ ސަރަހައްދުގެ ތެރެއިން އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވެފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ވިޔަފާރިވެރިންގެ މިސްކިތް ހުންނަ ސަރަހައްދުގައެވެ. އެ ސަރަހައްދުގެ އެކި ހިސާބުތަކުގެ ތާރު ވަނީ 'މުލިހިތަކެއް'ހެން އުފުލި، ހަލާކުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އަމީނީމަގުގެ ތާރުގަނޑު ރަނގަޅުކޮށް އެއްހަމަކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ފެށީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެ މަސައްކަތް އެންމެ ލަސްވެގެން މިިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމާ 'ސަން'އިން ސުވާލުކުރުމުން ވިދާޅުވިއެވެ.

އޭނާ އޭރު ވިދާޅުވީ، މި ވަގުތު ކުރަނީ ތާރުގައި ނަގާފައި ހުރި ތަންގަނޑުގަނޑު ކަނޑާލައި، އެ ތަނުގައި އިތުރު ތާޅު އެޅުމަށް ފަހު މަގު އެއްވަރުކުރުމުގެ މަސައްކަތް ކަމަށާއި، މަސައްކަތް ރާވާފައި އޮތް ގޮތުން ހަލާކުވެ ނުރައްކާކޮށް ހުރި ހުރިހާ ސަރަހައްދެއް ރަނގަޅުކުރެވޭނީ ސެޕްޓެމްބަރު މަހުގެ މެދުތެރޭ ނުވަތަ، ފަހުކޮޅު ކަމަށެވެ.

އެކަމަކު ނަޒީމް ވިދާޅުވި މުއްދަތުގައި އެ މަސައްކަތް އަދިވެސް އޮތީ ނުނިމިއެވެ.

މިކަމާ ގުޅިގެން 'ސަން'އިން މިއަދު ސުވާލުކުރި ނަމަވެސް، ނަޒީމް އަދި ޖަވާބެއް ނުދެއްވައެވެ.

އަމީނީމަގަކީ ރެއާއި ދުވާލު މީހުން ދުއްވާ، މާލޭގެ މައި މަގަކަށްވާއިރު، ތާރުގަނޑު އުފުލިފައި ހުރުމަކީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އެ ތަންތަނަށް އުޅަނދުފަހަރު އަރައި ވެއްޓުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން މިއީ އެކްސިޑެންޓުތައް ވެސް ވުމަށް މަގުފަހިވާނެ ކަމެކެވެ.

އަމީނީމަގުގެ އިތުރުން މާލޭގެ ބޮޑުތަކުރުފާނު މަގުގެ ރަސްފަންނުން ފެށިގެން މަސްމާރުކޭޓާ ހަމައަށް އޮންނަ ގާ އެޅި ސަރަހައްދުގައި ބައެއް ގާތައް ނެއްޓި، މަގު ނުހެދި އޮތުމަކީ އާންމުންގެ ކަންބޮޑުވުން އޮތް، ދުވަސްވީ މައްސަލައެކެވެ. ޒަމާންވީ މި މައްސަލައަށް ވެސް އަދިވެސް ހައްލެއް ނުލިބެއެވެ.