11:45


އަމިއްލަ ޓީވީ ޗެނަލް، ވީޓީވީ އަށް ހަމަލާދީ، ބިއްލޫރިތައް ތަޅާލައިފި އެވެ.


ސޯސަން މަގުގައި ހުންނަ ވީޓީވީ އިމާރާތަށް ހަމަލާ ދިނީ ރޭ ފަތިހު ހަތަރެއް ޖަހަނިކޮށެވެ.


ވީޓީވީގެ ބްރޯޑްކާސްޓިން ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު ޝަމީމް ވިދާޅުވީ ސައިކަލެއްގައި ދިޔަ ދެ މީހަކު އެ އިމާރާތަށް ހަމާލާދީފައި ވަނީ ގާބުރިއަކުން ކަމަށާއި އެ މަންޒަރު ވީޓީވީގެ ސެކިއުރިޓީ ގާޑަށް ވެސް ފެނިފައިވާ ކަމަށެވެ. އަދި އެ ހަމަލައަށް ފަހު ފުލުހުން އައިސް އެތަން ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ވީޓީވީ އަށް ގާބުރިއަކުން ހަމަލާ ދިނުމުގެ ސަބަބުން އިމާރާތުގެ ބޭރަށް، އަބަދަށްއުފާމަގަށްވާ ބައިން ހައެއް އެމްއެމްގެ ބޯ ބިއްލޫރި ސީޓެއް އެއްކޮށް ފުނޑުފުނޑުވެފައިވެ އެވެ.


"އެނޫން ގެއްލުމެއް ނެތް. އެވަގުތު މިތަނުގެ ތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ވެސް އުޅުނު،" ޝަމީމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ވީޓީއަށް ދޭތެރެއިން އިންޒާރުތައްދޭ ކަމަށާއި ނަމަވެސް ރޭގެ ހަމަލައައަކީ ކޮންކަމަކާ ގުޅިގެން ދިން ހަމަލާއެއް ކަން ނޭނގޭ ކަމަށެވެ.


"ރެޔާއި އިއްޔެރޭގައި މިތަނުން ސިޔާސީ އެއްޗެއް ނުވެސް ދައްކާ،" އޭނާ ވިދާޅުވި އެވެ.