16 Aug 2012, 16:00
ކުރިއަށްއޮތް ދެ ދުވަހު ވެސް މާލެއާއި އަތޮޅުތަކުގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އޮފީހުން ބުނެފި އެވެ.
މޫސުމާބެހޭ ފޯކާސްޓާ އިބްރާހިމް އަނިލް މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުނޅަގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެސް މާލެ އާއި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިލްތިމާސް ކުރަން މިދުވަސްކޮޅު ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި ރައްކާވެ ތިބެގެން ކަނޑު ދަތުރުތައް ކުރުމަށް" އަނިލް ވިދާޅުވި އެވެ.
މޫސުމާބެހޭ އޮފީހުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ ސަރަހައްދުތަކަށް ފަސް މޭލާ 12 މެލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
ރޭ ފަތިހުން ފެށިގެން މާލެއަށް ވިއްސާރަ ކުރުމުގެ ސަބަބުން ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. މިދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. ބައެއްފަހަރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ އާންމު ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. ރާއްޖޭގައި ބަލާ ނަކަތުން މިހާރު މިހިނގަނީ މާ ނަކަތެވެ.