ދާދި ފަހުން އެކްޓަރު ރާގަވް ޖުޔާލް ލީޑް އެކްޓަރުގެ ގޮތުގައި ފެންނާނެ ކަމަށް އިއުލާނުކުރި ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމުގެ ބަތަލާ ރޯލް ޒުވާން އެކްޓަރު އަލިޒޭ އަގްނިހޯތުރީއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލިޒޭއަށް މި ފިލްމު ކަށަވަރުވެއްޖެނަމަ މިއީ ބަތަލާގެ ކެރިއަރުގެ ދެވަނަ ފިލްމަށްވާނެއެވެ. އަލިޒޭ އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިފައިވަނީ މީގެ ދެ އަހަރު ކުރިން ގެނެސްދިން ފިލްމު "ފަރޭ"އިންނެވެ.

ފިލްމީ ރިޕޯޓުތައް ބުނާގޮތުން އަލިޒޭއާއި ރާގަވް ލީޑް އެކްޓަރުންގެ ގޮތުގައި ހިމަނައިގެން ޑައިރެކްޓަރު ވިކާސް އުފައްދަން ނިންމާފައިވަނީ ފްރާންސްގެ ކޮމެޑީ ޑްރާމާ "ލެ ފެމިލީ ބެލިއާ"ގެ ހިންދީ ރިމޭކްއެކެވެ.

އެ ފިލްމަކީ ބީރު އަދި މަންމަން ބަޔަކު އުޅޭ އާއިލާއެއްގައި ހުރި ހުރިހާ ހިއްސުތައް ސަލާމަތުން ހުރި 17 އަހަރުގެ ހަމައެކަނި އަންހެން ކުއްޖާގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމު ޑައިރެކްޓަރު ވިކާސް ބަލް--ފޮޓޯ/ޕިންކްވިލާ

އަލިޒޭ ފިލްމަށް ގެންނަން ނިންމިކަން ވަރަށް އަވަހަށް އިއުލާނުކުރާނެއިރު ފިލްމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް އަލިޒޭއާ އެކު ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. "ކްއީން" އާއި "ސުޕަ 30" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކާސްގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ އަޖޭ ދޭވްގަންގެ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ޝައިތާން"އެވެ.

ރާގަވްއާ އެކު ވިކާސް އާ ފިލްމެއްގެ މަސައްކަތް ފަށާނެކަން އިއުލާނުކޮށްފައިވާއިރު ރާގަވް ހިމަނައިގެން އިތުރު ފިލްމެއް ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ވިކާސް ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އިކާއީ"ގެ ނަން ދީފައިވާ އެ ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. ރާގަވްއާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ސައީ މަންޖްރޭކަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.