17 Oct 2025, 10:05
އޮސްކާ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ އިންޑިއާގެ މިއުޒީޝަން އޭ އާރް ރަހްމާން ގޫގަލް ކްލައުޑާ ގުޅިގެން އޭއައިއަށް ބަރޯސާވާ ޑިޖިޓަލް އެވަޓާ ބޭންޑެއް ތައާރަފުކުރަން ނިންމައިފިއެވެ.
"ސީކްރެޓް މައުންޓަން"ގެ ނަން ދެވިފައިވާ އެ ބޭންޑަކީ އާޓިފިޝަލް އިންޓެލިޖެންސާއި، މިއުޒިކާއި އަދި ވާހަކަ ކިޔުން އެއްކޮށްލައިގެން އުފެއްދި މެޓަ ހިއުމަން ޑިޖިޓަލް އެވަޓާ ބޭންޑެކެވެ. ހަމައެއާއެކު އެ ބޭންޑަކީ މިހާރުގެ ޒުވާނުންނަށާއި ކުރިއަށް އޮތް ޖީލުތަކަށް މުނިފޫހިފިލުވުމުގެ ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އުފެއްދުނު މަޝްރޫއުގެ ދަށުން ވުޖޫދަށް ގެނައި ބޭންޑެކެވެ.
މި މަޝްރޫއުގެ ދަށުން ގޫގަލް ކްލައުޑްގެ އެންމެ ފަހުގެ އޭއައި މޮޑެލްތަކާއި އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ހަގީގަތާ ގާތްކުރާ ވަރުގެ އެވަޓާކަތެއް ވަނީ އުފައްދާފައެވެ. މި އެވަޓާތަކަށް ޕަފޯމްކޮށް އަދި އޯޑިއަންސާއާ އެކު ވަގުތުން މުއާމަލާތު ކުރުމުގެ ގާބިލުކަން ވެސް ލިބިފައިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭ އާރް ރަހްމާން މިއުޒިކް ކޮންސެޓެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ކުޅަދާނަ މިއުޒިކް ކޮމްޕޯސަ އަދި ލަވަކިޔުންތެރިޔާ އޭ އާރް ރަހްމާންގެ އަމިއްލަ ކޮންސެޕްޓަކަށް އުފެއްދި ބޭންޑް 'ސީކްރެޓް މައުންޓަން'ގައި އޭއައިއަށް ބަރޯސާވާ ސިންތެޓިކް އެވަޓާތަކާއި ވަކި ވައްތަރަކަށް ނުފެތޭ މިއުޒިކާއި ވާހަކަތައް އެކުލެވޭނެއެވެ.
އެގޮތުން، މި ބޭންޑުގައި ހަ ވައްތަރެއްގެ ޑިޖިޓަލް އެވަޓާ ހިމެނެއެވެ. އޭގެ ތެރޭގައި އައިރިޝް ލަވަކިޔުންތެރިޔާ ކާރާއާއި ތަމަޅަ ރެޕަ ޒެން ޓަމްއާއި އެފްރިކާގެ ޕަކަޝަނިސްޓް އަދި ވޮކަލިސްޓް ބްލެސިން ހިމެނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އޭ އާރް ރަހްމާން ބުނީ، މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި އޯޑިއަންސަށް މިއުޒިކާއި، ވާހަކަ ކިޔުމާއި އަދި ޓެކްނޮލޮޖީ އެއްކޮށްލައިގެން މުޅިން އާ ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފުކުރި މަޝްރޫއެކެވެ.
ގޫގުލް ފަދަ ޓެކްނޮލޮޖީގެ ބޮޑު ކުންފުންޏެއްގެ ބައިވެރިވުން މި މަޝްރޫއުގައި ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މަޝްރޫއާއެކު ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭ އާރް ރަހްމާން ވަނީ ބުނެފައެވެ.
މި މަޝްރޫއާ ގުޅިގެން ގޫގުލް ކްލައުޑްގެ ސީއީއޯ ތޯމަސް ކްރިއަން ވިދާޅުވީ، މިއީ އިންޑިއާގެ އުފެއްދުންތެރިކަމާ އެކު އޭއާއި ދާއިރާގެ ލީޑަޝިޕް އެ ޤައުމުގައި އޮތް މިންވަރު ފާހަގަކޮށްދޭ ކަމެއް ކަމަށެވެ.
ހަމައެއާއެކު މި މަޝްރޫއުގެ ދަށުން 'ސީކްރެޓް މައުންޓަން'އިން އޯޑިއަންސް ހައިރާންކުރުވަނިވި ތަޖުރިބާތަކެއް ފޯރުކޮށްދޭނީ އެކަމަށް އެކަށީގެންވާ ފެންވަރު ރަނގަޅު ސެކިއުރިޓީއާ އެކު ކަމަށް ތޯމަސް ކްރިއަން ވަނީ ވިދާޅުވެފައެވެ.