އަނިޔާގެ ސަބަބުން އިބްރާހީމް ފަޒީލް (އޮއްޕޮ) ނެހުރޫ ކަޕުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުން ވަކިވެއްޖެ އެވެ.

ނަމަވެސް ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ރޭ ފެށި އޮތް ފަރިތަކުރުންތައް ބަލަން އޮއްޕޮދިޔަ އެވެ.

ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް ބުނީ އޮއްޕޮ ޓީމާއެކު ނުދާން ނިންމީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއަކުން މުޅިން ސަލާމަތްވާން ދުވަސްކޮޅެއް ބޭނުންވާތީ ކަމަށެވެ.

އޮއްޕޮ ޓީމާއެކު ނުދާން ނިންމިއިރު މުހުތާރު ނަސީރު (ޓޫކިލޯ) ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އޭނާ ކުޅުން ހުއްޓާލީ ދިރިއުޅުމުގެ ވަގުތު ހުރި ގޮތުން ޓީމާއެކު ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެވެން ނެތްކަމަށްބުނެ އެވެ.

އިންޑިޔާގައި މިމަހުގެ 22 އިން އަންނަ މަހުގެ ތިނަކަށް ބާއްވާ މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅޭނީ 23 ވަނަ ދުވަހު ނޭޕާލާ ދެކޮޅަށެވެ. ފަސް ޓީމު ލީގު އުސޫލުން ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ މުބާރާތުގައި ދެން ކުޅޭނީ އިންޑިޔާ އާއި ސީރިއާ އަދި ކެމަރޫނެވެ.