ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ތަފާތުނުކޮށް ބޮޑު މުސާރައެއް މި އަހަރު ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ނަމަވެސް، އެ ވައުދު ފުއްދުން ލަސްވަމުންދާތީ ކަންބޮޑުުވުން ފާޅުކުރަނިކޮށް، މުސާރަތައް ބޮޑުކޮށްފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ކުޅިވަރުގެ އުމްރާނީ ގިނަ ވަސީލަތްތަކާއި ކުޅުންތެރިން ނުވަތަ އެތުލީޓުންނާ ގުޅޭގޮތުން މުހިންމު ނުކުތާތަކެއް ފާހަގަކުރައްވައިފައެވެ. އެގޮތުން، އެތުލީޓުނަށް ފުރުސަތުތައްް ފަހިކޮށްދީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ތަފާތުނުކޮށް އެއް ހަމައެއްގައި މިހާރު ލިބޭވަރަށްވުރެ ބޮޑު މުސާރައެއް ދިނުމަށް ރައީސް ވައުދުވެވަޑައިގަތެވެ.

ރައީސް ވައުދުވެވަޑައިގަތީ މި އަހަރު ނިމުމުގެ ކުރިން މުސާރަ އެއްހަމަކޮށް ބޮޑުކުރާނެ ކަމަށެވެ. ނަމަވެސް އެގޮތަށް ކަންކަން ވުމުގެ ކުރިން ގިނަ ކުޅިވަރުތަކެއްގެ އެތުލީޓުންނަށް މުސާރަ ނުލިބި، އަދި އަނެއްބައި ކުޅިވަރުތަކަށް މުސާރައިގެ އެއްވެސް ހިލަމެއް ނުވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

މިކަމުގެ ޝަކުވާތައް ބައެއް ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުން ވަނީ "ސަން"އާ ހިއްސާކޮށްފައެވެ.

އެ ކަންބޮޑުވުންތައް ހާމަކުރިތާ 24 ގަޑިއިރު ތެރޭގައި، "ސަން"އަށް ވަނީ ކުޅިވަރު ވުޒާރާގެ ފަރާތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވާފައިވާ ސިޓީއެއް ލިބިފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސަރކިއުލާ

މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، 15 ސެޕްޓެމްބަރުން ފެށިގެން އެކުލަވާލާ މުސާރަ ޝީޓުގައި އެތުލީޓުންނާއި އޮފިޝަލުން އެއްހަމަކޮށް 7000 (ހަތްހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މިދިޔަ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމަޔަށް ކުޅުންތެރިންނާއި އޮފިޝަލުންނާއި ޕެރަ އެތުލީޓުންގެ އެލަވަންސަށް، ބޮޑުވެފައިވާ އަދަދު ޖަމާކުރުމުގެ މަަސައްކަތް ކުރަމުުންދާ ކަމަށްވެސް މި ސާކިއުލާގައިވެއެވެ.