ބަހުރޭނުގައި ބާއްވާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރުމަށް ގައުމީ ހޭންޑްބޯޅަ ޓީމު މިއަދު ބަހުރޭނަށް ފުރައިފިއެވެ.

މުބާރާތް ކުރިއަށްދާނީ މިމަހުގެ 22 އިން 31ގެ ނިޔަލަށެވެ. މިއީ މި އުމުރުފުރާއިން އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ޓީމުގެ ކޯޗެއްގެ ގޮތުގައި ތަޖުރިބާކާރު ކޯޗު ހުސައިން އައްޒާމް ހިމެނުނުއިރު، މި މުބާރާތާ ޓީމު ކުރިމަތިލީ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހުގެ ފަރިތަކުރުންތަކަށް ފަހެވެ. ޓީމުގައި މިވަގުތު ރާއްޖޭގެ އެންމެ އުންމީދީ ހޭންޑްބޯޅަ ކުޅުންތެރިން ހިމެނެއެވެ.

އޭޝިއާގެ ފެންވަރު ރަނގަޅު ބޮޑެތި ޓީމުތަކާ ވާދަކުރަންޖެހޭ މި މުބާރާތާއެކު ދިވެހި ކުޅުންތެރިންނަށް މުހިންމު ގިނަ ތަޖުރިބާތަކެއް ލިބޭނެކަމަށް ގައުމީ ޓީމުގެ ކޯޗިން ސްޓާފުން ދެކެއެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރޭގައި މުބާރާތް ބާއްވާ ބަހުރޭނާއި ހޮންކޮންގެ އިތުރުން ސައުދީ އަރަބިއްޔާ ފަދަ ގައުމުތައް ހިމެނެއެވެ.

ޖުމްލަ އަށްހާހަށްވުރެ ގިނަ އެތުލީޓުން މި ގޭމްސްގެ އެކި ކުޅިވަރުތަކުގައި ވާދަކުރާނެއެވެ. އަދި 45 ގައުމުގެ ގައުމީ ޓީމު ވާދަކުރެއެވެ.