ފެނާއި ނަރުދަމާއައި ކަރަންޓުގެ ހިދުމަތް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި، ފެނަކައިގެ ދަށަށް ލ. ފޮނަދޫ އިންޖީނުގޭ އަންނަ މަހުގެ ތެރޭގައި ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފޮނަދޫ އިންޖީނުގެ އެ ކޯޕަރޭޝަނުން މިހާތަނަށް ހަވާލު ނުވެވިގެން އޮތީ އެރަށުގެ އިންޖީނުގޭގައި ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނު ހަލާކުވެފައި ހުރުމުގެ ސަބަބުން އެއިންޖީނާއެކު އެތަނާ ހަވާލުވެއްޖެނަމަ އެ އިންޖީނުގެ ދަރަނީގެ ޒިންމާ ފެނަކައިން އުފުލަން ޖެހޭތީ ކަމަށެވެ.

"...މިދިޔަ 2011 ވަނައަހަރު ފަހުކޮޅު އޭޝިއަން ޕަވާ އިންވެސްޓްމެންޓްގެ ފަރާތުން 1200000 ރުފިޔާ ހަރަދުކޮށްގެން، 24 މަސްދުވަހުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ގޮތަށް ގެނެސްފައިވާ ކަމިންސް 360 ކިލޯވޯޓްގެ ސެކަންޑް ހޭންޑު އިންޖީނު ބޭނުން ކުރަން ފެށިތާ ހަ މަސްދުވަހު ގެތެރޭގައި ވަނީ ހަލާކުވެފައެވެ،" ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މައްސަލަ ހައްލު ނުކޮށް އެ އިންޖީނާއެކު އެކުންފުނިން ފޮނަދޫ އިންޖީނުގެއާއި ހަވާލުވެއްޖެނަމަ އިންޖީނުގެ އިންސްޓޯލްމަންޓުގެ ދަރަނީގެ ފައިސާއާ ހަވާލުވާން ޖެހޭތީވެ އެމައްސަލަ ހައްލުކުރުމުގައި ކައުންސިލާއި މަޝްވަރާތަކެއް ކުރިއަށް ދާ ކަމަށެވެ.

"މިކުންފުނީގެ ފަރާތުން މިހާރުވެސް ފޮނަދޫގެ އިންޖީނުގެއަށް ބޭނުންވާ އެކިއެކި އެހީތެރިކަން މިއަންނަނީ ފޯރުކޮށްދެމުން ނެވެ. އެގޮތުން އެރަށުގެ ޖަނަރޭޓަރަށް މީގެ ކުރިން ދިމާވި އެކި މައްސަލަތަށް މި ކޯފަރޭޝަނުގެ މުވައްޒަފުންގެ އެހީއާއި އެކުވަނީ ހައްލުކޮށްްދީފަަ އެވެ. އަދި އެރަށުގެ ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ވެސް މިހާރު ދަނީ ފޯރު ކޮށްދެމުން ނެވެ،" ބަޔާނުގައި ވެއެވެ.

ފޮނަދޫގައި ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.