16 Aug 2012, 14:52
ކެލާގައި ގާއިމު ކުރާ ޕޮލިސް ސްޓޭޝަން ހިންގަން ރައްވެހިގޭ ދިނުމާގުޅޭ ގޮތުން ބޭއްވި ބައްދަލުވުން ދޫކޮށް ކައުންސިލް މެންބަރަކު ވަޑައިގަތުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެރަށުގެ ބަޔަކު ކައުންސިލްގެ އިދާރާއަށް އެއްވެ ހިންހަމަނުޖެހުން ފާޅުކުރަމުން އެބަދެ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލް މެންބަރު އާދަމް އައްސަދު ވިދާޅުވީ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ކައުންސިލް އިދާރާއަށް މިއަދު 10:00 ޖަހާ އެހާކަންހާއިރު ވަދެ ނުރުހުން ފާޅުކުރަން ފެށީ ކައުންސިލުގެ އެދުމަކަށް ކެލާގައި ގާއިމު ކުރަން ނިންމި ޕޮލިސް ސްޓޭޝަން ހިންގަން ރަށްވެހިގެ ދިނުމާގުޅޭ ގޮތުން ގަރާރެއް ހުށަހެޅި ބައްދަލުވުމަށް މެންބަރަކު ބައިވެރިވެ ވަޑައި ނުގެން ކޯރަމް ގެއްލި ގަރާރަށް ގޮތެއް ނުނިންމުމާ ގުޅިގެން ކަމަށެވެ. ކައުންސިލް އިދާރާއަށް ވަޑައިގަތުމަށްފަހު ޖަލްސާގައި ބައިވެރިވެ ވަޑައި ނުގެންނެވީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ.
"ފުލުހުން ބޭނުންވަނީ ރަށްވެހިގޭގައި ޕޮލިސް ސްޓޭޝަން ހިންގަން އެތަން ހިލޭ ދިނުމަށް. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުންނާއި ކައުންސިލާއި ދެމެދު އެއްބަސްވީ. އެކަން ކުރިއަށް ނުދާތީ އަޅުގަނޑު އެކަމާގުޅޭ ގޮތުން ގަރާރެއް ހުށައެޅީ ނަމަވެސް ކޯރަމް ލިބޭ ވަރަށް ކައުންސިލުގެ މެންބަރުން ތިއްބެވި ނަމަވެސް އެއްބޭފުޅަކު ބައިވެރިވެވަޑައި ނުގެންނެވުމުން ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމާ ހިންހަމަނުޖެހިގެން އޮފީހަށް ވަނީ" އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ އޮފިސްތެރެއަށް މީހުންތައް ވަދެގަތީ އޭނާއާ އެމްޑީޕީގެ މެންބަރު ހައުލަތު މާހިރު ތިއްބަވަނިކޮށް ކަމަށާއި އެއްވެފައިވާ މީހުން އެދެނީ ރައްވެހިގެ ދިނުމާގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ކަމަށެވެ.