ލިފާން ޝޯ ރޫމް ފަޅާލައި އެތަނުން ބައެއްތަކެތި ރޭ ވަގަށް ގެންގޮސްފި އެވެ.

އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ އަމީނީމަގު ދަރުބާރުގޭ ކައިރީ ހުންނަ އެ ޝޯރޫމަށް ވަގުން ވަދެފައިވަނީ އެތާނގެ ތަޅު ހަލާކުކޮށްލައިގެން ކަމަށާއި މައްސަލަ ފުލުހުނަށް ހުށައަޅަފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

"އެތަން ފަޅާލައި ސޭފްގައިހުރި 2000ރ. އާއި މޯބައިލްފޯނެއް ވަނީ ވަގަށް ނަގާފައިވޭ. އަދި ފިހާރައިގައި ބަހައްޓާފައިހުރި ކަބަޑެއްވެސް ވަނީ ހަލަކުކޮށްލާފައި،" ހަނީފު ވިދާޅުވި އެވެ. މި މައްސަލަ ފުލުހުން އިތުރަށް ބަލަމުން އަންނަ ކަމަށް ބުނެފައިވާއިރު އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ލިފާން ޝޯރޫމް ފަޅައިލިއިރު މިދިޔަ ހޯމަދުވަހު މާވެޔޮމަގުގައި ހުންނަ ތިލޭރުގެއެއް ފަޅާލައި 500000ރ. ގެ ރަންރިހީގެ ސާމާނު ވަގަށް ގެންދިޔަ އެވެ.