މި ކުރާ ވިއްސާރަ އަލިނުވާ ކަމަށާއި އަންނަ ހަފުތާގައި ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް އަންނަނީ ވިއްސާރަކުރަމުންނެވެ.

މޫސުމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތުދެމުން މެޓް އޮފީހުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ބޯ ވިއްސާރައިގެ އަސަރު ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ. އަދި، ހަފުތާ ބަންދާ އެކު އާދިއްތަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ވެސް ބޯކޮށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

"މިހާރު މި ތަޖުރިބާކުރަނީ 'ޑިސްރަޕްޓިވް' ވިއްސާރަ. ހޮނިހިރު ދުވަހަށް ފަހު ބޯވިއްސާރަގަނޑު މައިތިރިވާނެ، އެކަމަކު އަންނަ ހަފުތާގައި ވެސް ވިއްސާރަކުރާނެ" މެޓް އޮފީހުގެ އޮފިޝަލެއް މައުލޫމާތު ދިނެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި އަންނަ ހަފުތާގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ. އެގޮތުން، އެ ހަފުތާގެ ކުރީކޮޅު ވިއްސާރަކުރުން ކުޑަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ނަމަވެސް، އަންނަ ހަފްތާގެ މެދުތެރެއާއި ފަހުކޮޅަށްދާއިރު ވިއްސާރަކުރާނެ ކަމަށް ފޯކާސްޓުން ދައްކާ ކަމަށް މެޓްގެ އޮފިޝަލް މައުލޫމާތުދީފައިވެއެވެ.

މިއަދު މުޅި ރާއްޖެއަށް ވެސް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މުޅި ރާއްޖެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމާ އެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ. އެއާއެކު، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ކަނޑުގެ ރާޅުތަކުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާއި ދެެމެދަށް އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ލަފާކުރިގޮތުގައި މިއަދު ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފާއިތުވި ހަފުތާގައި މޫސުން ގޯސްވުމާ ގުޅިގެން، ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ.

މޫސުން ގޯސް މި ދުވަސްވަރު ހިނގާފައިވާ ކަނޑުމަތީގެ ހާދިސާއަކަށް ބަލާއިރު، ރޭ ދަންވަރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެކަކު މަރުވެ، ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. އެއީ، ހަތް މީހުންނާ އެކު މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެކެވެ.