ފިލްމު "ދަ އާޗީސް"އިން ބޮލީވުޑަށް ތައާރަފުވީ ޒުވާން އެކްޓަރު އަގަސްތިއާ ނަންދާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު "އިއްކީސް"ގެ ޕޯސްޓަރުތަކެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޝޫޓިން ނިމި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް މިފަހުން ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްގެ އުފެއްދުމެކެވެ. އެ ސްޓޫޑިއޯގެ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ މި ފިލްމުގެ ޑައިރެކްޓަރަކީ މަގުބޫލު ފިލްމު ޑައިރެކްޓަރު ސްރީރާމް ރަގްވަންއެވެ.

ތާރީޚީ ބައޮގްރަފިކަލްއެއް ކަމަށްވާ "އިއްކީސް"ގައި އަގަސްތިޔާ ފެންނާނީ އުމުރުން 21 އަހަރުގައި މަރުވެފައިވާ އަސްކަރީ އޮފިސަރު އަރޫން ކެތުރިޕާލްގެ ރޯލްއިންނެވެ. އަރޫން މަރުވީ 1971ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ބަސަންތަރު ހަނގުރާމައިގެ ތެރޭގައެވެ.

މި އަހަރުގެ ޑިސެންބަރު މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "އިއްކީސް"އިން އަގަސްތިޔާގެ އިތުރުން ވަރަށް ޚާއްސަ ރޯލަކުން ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދްރަ ފެންނާނެއެވެ.

ދަރްމެންދްރައަކީ އަގަސްތިޔަގެ ކާފަ އެކްޓަރު އަމީތާބް ބައްޗަންއާ އެކު ވަރަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އެހެންކަމުން މިއީ އެ ދެ އެކްޓަރުންނަށް ވެސް ވަރަށް ތާރީޚީ އެހާމެ ޚާއްސަ ފިލްމެކެވެ.

އަގަސްތިޔާ ފިލްމު "އިއްކީސް"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ އިތުރުން ސިކަންދަރު ހޭރު، ޖައިދީޕް އަހްލަވާތު، ޝްރީ ބިޝްނޯއި އަދި އެކަވަލީ ކަންނާގެ އިތުރުން މޯހަން ގޮދާރާ ވެސް ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ފެންނާނެއެވެ. މި ފިލްމުގެ ޕޯސްޓަރުތަކެއް އާއްމުކޮށްފައި ވަނީ ފިލްމުގައި އަގަސްތިޔަ ކުޅޭ އަސްކަރީ އޮފިސަރުަރޫން ކެތުރިޕާލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ.

އަމީތާބް ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ފިރިހެންދަރިފުޅު އަގަސްތިޔާގެ ދެވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެކަން އިއުލާނުކޮށްފައި މިވަނީ އަގަސްތިޔާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވިތާ ދެ އަހަރު ފަހުންނެވެ.