16 Oct 2025, 09:36
އިންޑިއާގެ ވަރަށް ގިނަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ޕަންކަޖު ދީރު މަރުވެއްޖެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕަންކަޖު ދީރު މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އުމުރުން 68 އަހަރުގެ އެކްޓަރު މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ދިގު މުއްދަތެއްވެފައިވަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރުމުގެ އިތުރުން ޕަންކަޖުއަކީ ވަރަށް ގިނަ ޓެލެވިޒަން ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ބީއާރު ޗޯޕްރާ ޕްރޮޑިއުސްކޮށް ރަވީ ޗޯޕްރާ ޑައިރެކްޓްކޮށް ގެނެސްދިން ޓީވީ ސީރީޒް "މަހާބާރަތު" ހިމެނެއެވެ.
އެ ސީރީޒަކީ 1988އިން ފެށިގެން 1990ވަނަ އަހަރާ ހަމައަށް އިންޑިއާގެ ދޫރްދަރުޝަން ޗެނަލްއިން ގެނެސްދެމުން ދިޔަ ސީރީޒްއެކެވެ.

އިންޑިއާގެ ކުރީގެ އެކްޓަރު ޕަންކަޖު ދަރިފުޅު އަދި އެކްޓަރު ނިކިތިން--ފޮޓޯ/ހިންދުންސްތާންޓައިމްސް
ޕަންކަޖުގެ މަގުބޫލު ބޮލީވުޑް ފިލްމުތަކުގެ ތެރޭ އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ސަނަމް ބޭވަފާ"، ބޮބީ ޑިއޯލްގެ ފިލްމު "ސޯލްޖާ"، ސަންޖޭ ދަތުގެ ފިލްމު "ސަޅަކް" އަދި ޝާހްރުކް ޚާންގެ ފިލްމު "ބާދްޝާ" ހިމެނެއެވެ.
ޕަންކަޖު އެންމެ ފަހުން ކުޅުނު ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްކުރި "މަހާބާރަތު އޯރް ބަރްބަރީކް"އެވެ. އެކްޓިންގެ އިތުރުން ފިލްމު ޑައިރެކްޝަންގައި ވެސް މަސައްކަތްކުރި އެކްޓަރު ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދިން ހަމައެކަނި ފިލްމަކީ 2014 ވަނަ އަހަރު އުފެއްދި "މައި ފާދަ ގޯޑް ފާދަ"އެވެ.
ޕަންކަޖްގެ ދަރިފުޅު ނިކިތިން ދީރްއަކީ ވެސް ބައްޕައެކޭ އެއްގޮތަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެކްޓަރެކެވެ. އާއްމުކޮށް ސަޕޯޓިންގް ރޯލްތަކުން ފެންނަ ނިކިތިންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، "ދަބަންގް 2"، "ޗެންނާއި އެކްސްޕްރެސް"، "ހައުސްފުލް 5" އަދި "ސޫރްޔަވަންޝީ" ހިމެނެއެވެ.
ޕަންކަޖުގެ އާއިލާއާ ހަވާލާދީ ގާތް ރަހުމަތްތެރިން މީޑިއާގައި ބުނެފައިވަނީ ތަހައްމަލު ކުރަމުންދިޔަ ކެންސަރު ބައްޔާ އެކު ޕަންކަޖު ވަނީ ދާދިފަހުން ބޮޑެތި ސާޖަރީތަކެއް ވެސް ހަދާފައެވެ. އޭގެ ސަބަބުން މީހާ ވަރަށް ބޮޑަށް ބަލިކަށިކުރުވި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޕަންކަޖު މަރުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ އެކްޓަރުގެ އާއިލާއަށް ތައުޒިއްޔާގެ މެސެޖުތައް ރައްދުކޮށް އާއިލާއަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި ބޮލީވުޑް އެކްޓަރު ސަލްމާން ޚާން ވެސް ހިމެނެއެވެ.