އެންތްރޮޕިކް ކުންފުނިން އެ ކުންފުނީގެ އެންމެ ކުޑަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމަށްވާ ކްލޯޑް ހައިކޫ 4.5 ތަޢާރަފުކޮށްފިއެވެ.

މި މޮޑެލްއަކީ ކުރީގެ ވާޝަންތަކަށް ވުރެ އަގުހެޔޮ އަދި ބާރު ސްޕީޑެއްގައި މަސައްކަތްކުރާ މޮޑެލްއެއް ކަމަށް އެންތްރޮޕިކްއިން ބުނެއެވެ.

ޓެކްކްރަންޗްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ވާޝަންގެ ހައިކޫ މޮޑެލްގެ ޕާފޯމަންސް، އެންތްރޮޕިކްގެ މެދުފަންތީގެ މޮޑެލް ކަމަށްވާ "ސޮނެޓް 4"އާ އެއް ފެންވަރެއްގައި ހުރެއެވެ. ނަމަވެސް، މި މޮޑެލް ބޭނުންކުރުމުގެ އަގު "ސޮނެޓް 4" އަށްވުރެ ތިންބައިކުޅަ އެއްބައި ކުޑަކަމަށްވާއިރު، މަސައްކަތްކުރާ ސްޕީޑް ވަނީ ދެގުނަ އިތުރުކޮށްފައެވެ.

އެންތްރޮޕިކްއިން ހާމަކުރާ ގޮތުގައި، "ހައިކޫ 4.5" ވަނީ އެކި ބެންޗްމާކް ޓެސްޓްތަކުން ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. މިގޮތުން، ކޯޑް ލިޔުމުގެ ޤާބިލިއްޔަތު ވަޒަންކުރާ "އެސްޑަބްލިއުއީ-ބެންޗް ވެރިފައިޑް" ޓެސްޓުން 73 އިންސައްތައިގެ ނަތީޖާއެއް ހޯދިއިރު، ކޮމާންޑް-ލައިން މަސައްކަތްތަކަށް ޚާއްޞަ "ޓާމިނަލް-ބެންޗް" ޓެސްޓުން 41 އިންސައްތައިގެ ނަތީޖާއެއް ވަނީ ހޯދާފައެވެ. މި ނަތީޖާތަކަކީ ސޮނެޓް 4، ޖީޕީޓީ-5 އަދި ޖެމިނައި 2.5 ފަދަ ބޮޑެތި މޮޑެލްތަކާ އެއް ފެންވަރުގެ ނަތީޖާތަކެކެވެ.

މި މޮޑެލް މިހާރު ވަނީ އެންތްރޮޕިކްގެ ހިލޭ ޕްލޭންތަކުގެ ދަށުން ބޭނުންކުރުމަށް ހުޅުވާލާފައެވެ. މި މޮޑެލްގެ ކުޑަވުމުގެ ސަބަބުން، ޚާއްޞަކޮށް އޭއައި ޕްރޮޑަކްޓްތަކުގެ ހިލޭ ވާޝަންތަކުގައި ސާވާތަކަށް ކުރާ ބާރު ކުޑަކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް އެންތްރޮޕިކްއިން ލަފާކުރެއެވެ. އަދި، މި މޮޑެލް ބޭނުންކޮށްގެން އެއް ފަހަރާ ގިނަ އޭއައި އެޖެންޓުން ބޭނުންކުރުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ.

އެންތްރޮޕިކްގެ ޗީފް ޕްރޮޑަކްޓް އޮފިސާ (ސީޕީއޯ) މައިކް ކްރީގާ ވިދާޅުވީ، ހައިކޫ 4.5 އަކީ އޭއައި ބޭނުންކޮށްގެން އުފައްދާ ތަކެތީގެ ދުނިޔެއަށް އާ ބަދަލުތަކެއް ގެނެސްދޭނެ މޮޑެލްއެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިވަނީ ކޮންމެ މަސައްކަތަކަށް ވެސް އެކަށީގެންވާ ޤާބިލިއްޔަތާއި، ސްޕީޑާއި، އަގު ހިމެނޭ ފުރިހަމަ އެޖެންޓް ޓޫލްބޮކްސްއެއް ފޯރުކޮށްދީފައި،" ކްރީގާ ވިދާޅުވިއެވެ.

މި މޮޑެލްގެ އެންމެ ބޮޑު ބޭނުމެއް ފެންނާނެ ކަމަށް ލަފާކުރެވެނީ ސޮފްޓްވެއާ ޑިވެލޮޕްމަންޓްގެ ދާއިރާއިންނެވެ. އެންތްރޮޕިކްގެ ކްލޯޑް ކޯޑް މިހާރު ވެސް މި ދާއިރާގައި ބޭނުންކުރަމުންދާއިރު، ހައިކޫ 4.5 ގެ ބާރު ސްޕީޑަކީ މިފަދަ މަސައްކަތްތަކަށް ވަރަށް މުހިންމު ކަމެކެވެ.

ޒެންކޯޑާގެ ސީއީއޯ އެންޑްރޫ ފައިލެވް ވިދާޅުވީ، ހައިކޫގެ އާ ވާޝަންއަކީ އޭއައި ބޭނުންކުރެވޭނެ އާ ދޮރުތަކެއް ހުޅުވާލަދޭނެ މޮޑެލްއެއް ކަމަށެވެ.

ހައިކޫ 4.5 ތަޢާރަފުކޮށްފައިވަނީ، އެންތްރޮޕިކްއިން ދާދި ފަހުން ސޮނެޓް 4.5 އާއި އޯޕަސް 4.1 ވެސް ތަޢާރަފުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ހައިކޫގެ ވާޝަންއެއް އެންތްރޮޕިކްއިން ތަޢާރަފުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ.