16 Oct 2025, 23:15
މިޔަރު ދަތްއެޅުމުން ރައްކާތެރިކޮށްދޭ ސޫޓްތަކެއް ސައިންސްވެރިން އުފައްދައިފިއެވެ.
އޮސްޓްރޭލިއާގެ އެޑިލެއިޑްގައި ހުންނަ ފްލިންޑާސް ޔުނިވާސިޓީގެ ސައިންސްވެރިން، މިޔަރު ދަތްއެޅުމުން ރައްކާތެރިކޮށްދޭނެ ޚާއްސަ ވެޓްސޫޓްތަކެއް ތަރައްގީކޮށްފައިވާއިރު، މި ސޫޓްތައް ބޭނުންކުރެވޭނީ ހަމައެކަނި މިޔަރުގެ ހަމަލާތަކުން ރައްކާތެރިވުމަކަށް ނޫނެވެ.
އޭގެއިތުރުން، މި ސޫޓްތަކަކީ ޖެލީފިޝްއާއި އެބާވަތުގެ ވިހަގަދަ ދިރުންތަކުގެ ނުރައްކަލުން ވެސް ދިފާޢުވުމަށް ޚާއްސަ މާއްދާތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ އަންނައުނެކެވެ.
މި ދިރާސާގެ އެންމެ ބޮޑު މަގުސަދަކީ، މިޔަރުގެ ހަމަލާތަކުގައި އެންމެ އާންމުކޮށް މީހުން މަރުވާ ސަބަބު ކަމުގައިވާ، ގިނައިން ލޭ ފޭބުން ހުއްޓުވުމެވެ.
ދިރާސާވެރިން ވިދާޅުވާ ގޮތުގައި، މި ސޫޓްތަކަކީ މިޔަރުގެ ބާރުގަދަ ދަތްތަކުގެ ޕްރެޝަރު މުޅިން ހުއްޓުވައި ނުލެވުނަސް، ހަށިގަނޑުގެ އެތެރެއަށް ވަދެގެންދާ ފުން ޒަޚަމްތައް ލިބުން ވަރަށް ބޮޑަށް ކުޑަކޮށްދޭނެ އެއްޗެކެވެ.
މި ސޫޓްތައް ޓެސްޓްކުރުމަށް ބޭނުންކޮށްފައިވަނީ މީހުންނަށް އެންމެ އާންމުކޮށް ހަމަލާދޭ މިޔަރުގެ ދެ ބާވަތް ކަމުގައިވާ ވައިޓް ޝާކް އާއި ޓައިގަ ޝާކްއެވެ. ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި، ފުންކޮށް ދަތް އެޅި ނަމަވެސް، މި ވެޓްސޫޓްތަކުން ފެންނަނީ ހަމައެކަނި ކުދިކުދި ނިޝާންތަކެވެ.
މި ސޫޓްތައް ތަރައްގީކުރުމުގައި ކެވްލާއާއި، ޕޮލީއެތިލީން ނެނޯފައިބާއާއި، ހަށިގަނޑުގެ މުހިންމު ލޭހޮޅިތައް ހުންނަ ހިސާބުތަކުގައި ބޭނުންކުރެވޭ ޗެއިން މެއިލް ފަދަ ވަރުގަދަ މާއްދާތައް ބޭނުންކޮށްފައިވެއެވެ.
ދިރާސާވެރިން ލަފާދެއްވާ ގޮތުގައި، މަސްވެރިކަން ފަދަ މަސައްކަތްތަކުގައި އުޅޭއިރު، ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، މި ވެޓްސޫޓްތައް ބޭނުންކުރުމުގެ އިތުރުން، މިޔަރު ދުރުކުރާ އެހެނިހެން ޓެކްނޮލޮޖީތައް ބޭނުންކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުން ވެސް މުހިންމެވެ.
މިޔަރަކީ ކަނޑުފަޅުތަކުގައި އުޅޭ އެންމެ ނުރައްކާތެރި މަސްތަކުގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. މިޔަރުގެ ހަމަލާތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްބަޔަކު މަރުވެ، ނުވަތަ ބޮޑެތި އަނިޔާ ލިބެއެވެ. ޚާއްސަ ގޮތެއްގައި ސާފްކުރާ މީހުންނާއި، ފީނާ މީހުންނާއި، ކަނޑުގެ އެކި މަސައްކަތްކުރާ މީހުންނަށް މިފަދަ ނުރައްކާތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ.
ޖެލީފިޝްގެ ވިހައަކީވެސް ކަނޑުގައި އުޅޭ މީހުންނަށް ކުރިމަތިވާ އެހެން ނުރައްކަލެކެވެ. ބައެއް ޖެލީފިޝްގެ ވިހަ ވަރަށް ނުރައްކާތެރިވެ، ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދެއެވެ.