16 Aug 2012, 13:54
މާލޭގައި ސާވިސް ސެންޓަރެއް ހުޅުވަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފި އެވެ.
އެސްޓީއޯގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް މިއަދު ވިދާޅުވީ އެސްޓީއޯއިން ގަންނަ މުދަލަށް ފަސޭހަ ކަމާއެކު ސާވިސް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ސާވިސް ސެންޓަރެއް ހުޅުވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ކަމަށެވެ.
އެސްޓީއޯގެ ސާވިސް ސެންޓަރު ގާއިމު ކުރަނީ ހަވީރީ ހިނގުމުގައި ހުންނަ އެސްޓީއޯގެ ގުދަނެއްގަ އެވެ. އެސްޓީއޯ އިން އެތެރެ ކުރާ މަކީޓާ އާއި ޕިލިޕްސް އަދި ހިޓާޗީ މަރުކާގެ މުދަލަށް އެތާނގައި ސާވިސް ދޭނެ އެވެ.
"ސާވިސް ސެންޓަރު ދަށުން އަޅުގަނޑުމެން މި ހިދުމަތް ދެނީ އަޅުގަނޑުމެން އެތެރެކުރާ ތިން ޕުރޮޑަކްޓަކަށް. އެއީ މަކީޓާ، ޕިލިޕްސް، ހިޓާޗީ މިތިން ޕްރޮޑެކްޓުގެ މުދަލަށް،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސާވިސް ސެންޓަރުން ކުރު މުއްދަތެއްގެ ތެރޭގައި އެ ބްރޭންޑްތަކުގެ ޕުރޮޑެކްޓްތަކަށް ސާވިސްދޭނެ ކަމަށާއި ހެޔޮ އަގުތަކެއްގައި ސާވިސްކުރެވޭއިރު ވޮރެންޓީ ކުރެވިފައިވާތަކެތި އެ ވޮރެންޓީއެއްގެ ދަށުން ސާވިސް ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ހިޓާޗީ ބްރޭންޑްގެ ކޮންޕްރެޝަރަށް ފަސް އަހަރު ދުވަހުގެ ވޮރެންޓީއެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. މީގެ ކުރިން އެސްޓީއޯއިން ވަނީ ފިލިޕްސް ބްރޭންޑްގެ މުދަލަށް ދެ އަހަރު ދުވަހު އިންޓަނޭޝަނަލް ވޮރެންޓީއެއް ދޭން ފަށާފައިފަ އެވެ.