15 Oct 2025, 14:35
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ރޭ ހައްޔަރުކުރި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އަށް ކްރިމިނަލް ކޯޓުން މިއަދު ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އެ ދެ މީހުން ހައްޔަރުކުރީ، މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި އެ ސިނގިރޭޓު ގެއްލިފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ރޭ އާރިފާއި ވަހީދުގެ އިތުރުން، ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލާއި ކަސްޓަމްސްގެ ކުރީގެ މުވައްޒަފެއް ކަމަށްވާ މުއާޒް އަލީ ވަނީ ހައްޔަރުކޮށްފައެވެ.
މުއާޒަކީ ހައްޔަރުކުރިއިރު އޭނާ ހުރީ، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު: އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހައިފައި -- ފޮޓޯ/ ކަސްޓަމްސް
ފުލުހުން ބުނީ، އެ ހަތަރު މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 61 އަހަރުގެ އާރިފްގެ ބަންދަށް 15 ދުވަސް ޖެހިއިރު، 65 އަހަރުގެ ވަހީދުގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށެވެ.
އުމުރުން 40 އަހަރުގެ ޒިވާރު ވެސް 15 ދުވަހަށް ބަންދުކުރިއިރު، 48 އަހަރުގެ މުއާޒް ބަންދުކުރަން އަމުރުކުރީ ފަސް ދުވަހަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއްނުކުރެއެވެ.
ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ރޭ ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފަކު ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.
އެއަށްފަހު، މިއަދު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައިވަނީ، އެ ކުންފުނިން ވެސް އެތެރޭގެ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ލިބިފައިވާ މައުލޫމާތަށް ބަލައި މިހާތަނަށް ހަ މީހަކު ސަސްޕެންޑުކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެ އިތުރުން އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް ފަށައިފައިވާ ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.