ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، ވަގަށް ނަގައިފައިވަނީ، މިދިޔަ އޭޕްރިލް 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ކަމަށެވެ. އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ކަސްޓަމްސްއިން ހިފެހެއްޓި އެ ސިނގިރޭޓުތައް ބަހައްޓާފައި ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ޕޯޓްސް ކުންފުނިން އެއްޗެކޭ ބުނެފައިނުވެއެވެ. ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި އެމްޕީއެލްއިން ވަނީ އެ މައްސަލައާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތަފުސީލު ހާމަކޮށްފައެވެ.

އެމްޕީއެލްއިން ބުނީ ސިނގިރޭޓުތައް ގެއްލުނުކަން އެނގުނީ މިދިޔަ ބުދަ ދުވަހުގެ ރޭގައި ކަމަށެވެ. އެހާ ހިސާބުން އެ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ފެށި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ އެ ތަހުގީގުގަށް ލިބުނު މައުލޫމާތުން މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑުކޮށް، މިއަދު އިތުރު މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ހިންގުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމިޓީއާއި ރިސްކް ޑިޕާޓްމެންޓާއި އިންޓާނަލް އޮޑިޓްއިން ތަހުގީގާއި އޮޑިޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ މި ކުންފުނީގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ." ބަޔާނުގައިވެއެވެ.

"އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ."

ހަލަބޮލި މައި ބަނދަރުގެ މަންޒަރުތައް: އެމްޕީއެލްއިން ވަނީ ބަނދަރުގެ ސެކިއުރިޓީ ހަރުދަނާ ކުރަން މަސައްކަތް ކުރާ ކަމަށް ބުނެފައި --- ސަން ފޮޓޯ/ އަހްމަދު ސަދޫފް މޫސާ

އެމްޕީއެލްއިން ބުނީ، އެ މައްސަލައާ ގުޅިގެން، އެ ކުންފުނީގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާ ގުޅިގެން ފަށައިފައިވާ ކަމަށެވެ. އެގޮތުން މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަސްޓަމްސްއާއި ޑިފެންސް މިނިސްޓްރީއާއި ހޯމް މިނިސްޓްރާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ބަޔާނުގައިވަނީ، ކަސްޓަމްސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެ މުއައްސަސާއާއެކު މި ދަނީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.

"މީގެ އިތުރުން އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކޯސްޓް ގާޑްގެ ގާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލޭ ޓާމިނަލްގެ ސެކިއުރިޓީ އޮޑިޓެއް މިހާރު ވަނީ ފަށައިފައެވެ." އެ ކުންފުނީގެ ބަޔާނުގައިވެއެވެ.

އެމްޕީއެލްއިން ބުނީ މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލްއިން ބުނީ އެ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން މައުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ވެސް ޖަވާބުދޭން ބޭނުންވާ ކަމަށެވެ.

"މި މައްސަލައަކީ ފުލުހުން ވެސް ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ މައުލޫމާތު އާންމުކުރަމުން މި ދަނީ ފުލުހުންގެ ލަފަޔާއި މަޝްވަރާގެ މަތިންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މިކަމާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

އެމްޕީއެލްއިން ބުނީ އެ މައްސަލައިގައި ޝާމިލުވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މި ކުންފުންޏާ މެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމެވެ." އެމްޕީއެލްއިން ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހާމަވެއްޖެ ނަމަ، ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ޚިދުމަތުން ބުނެފައިވެއެވެ.

ފުލުހުން ރޭ ވަނީ، ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށް ބުނެފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ރޭ ހަތަރު މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި ކަސްޓަމްސްގެ މުވައްޒަފަކު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުގެ އިތުރުން ހައްޔަރުކުރީ ކަސްޓަމްސްގެ ކުރީ އިސް މުވައްޒަފެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 12 މީހަކު ފުރުން މަނާކޮށްފައެވެ. ނަމަވެސް އެ މީހުންގެ ތަފުސީލެއް ފުލުހުން ނުދެއެވެ.

އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ މައްސަލައެއް ކަމަށް ބުނެ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.