އެސެޓް ޑިކްލަރޭޝަން ނުވަތަ މާލީ ބަޔާންތައް ހާމަކުރުމާ ބެހޭ ގާނޫނެއް ހުށަހެޅުމުގެ ވިސްނުން ބަންޑާރަނައިބުގެ އޮފީހުން ގެންގުޅޭ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ، ބަންޑާރަނައިބުގެ އޮފީހުން އެސެޓް ޑިކްލަރޭޝަންއާ ބެހޭ ގާނޫނެއް އެކުލަލާމުގެ މަސައްކަތް ކުރޭތޯ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި އުޝާމް ވިދާޅުވީ، މިހާރު އެކުލަވާލާފައި އޮތް ލެޖިސްލޭޓިވް އެޖެންޑާގައި އެސެޓް ޑިކްލަރޭޝަންއާ ބެހޭ ގާނޫނެއް ހިމެނިފައިނުވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެސެޓް ޑިކްލަރޭޝަންއާ ގުޅޭ ގޮތުން ވަކި ގާނޫނުތަކަށް އިސްލާހުތައް ހުށަހަޅާތީ އެފަދަ ގާނޫނެއްގެ މުހިންމުކަން ވަރަށް ބޮޑަށް އެބަވިސްނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑަށް ވެސް ގަބޫލުކުރެވެނީ އެސެޓް ޑިކްލަރޭޝަންއާ ގުޅޭ އެއް ގާނޫނެއްގެ ދަށުން ދައުލަތުގެ ވަކިވަކި މަގާމުތަކުގައި ތިބޭ ހުރިހާ ފަރާތްތަކެއްގެ އެސެޓް ޑިކްލައިކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވާނެ ކަމަށް. އެހެންވީމާ އަޅުގަނޑުމެން ވެސް އެސެޓް ޑިކްލަރޭޝަންއާ ބެހޭ ގާނޫނެއް މަޖިލީހަށް ހުށަހެޅުމުގެ ވިސްނުން އެބަ ގެންގުޅެން،ބަންޑާރަ ނައިބު އަހުމަދު އުޝާމް

ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުންގެ މާލީ ބަޔާން ހާމަކުރަން ލާޒިމުކުރާ ގޮތަށް އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. ޕީއެންސީ މެންބަރުންގެ ވެސް ތާއީދާ އެކު އެ އިސްލާހުތައް ބަލައިގަނެ، މާލިއްޔަތު ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ.

މިހާރު އޮންނަ ގޮތުން މާލީ ބަޔާންތައް ހާމަކުރަން ނުޖެހޭ ވަރަށް ގިނަ ބޭފުޅުން ތިއްބަވައެވެ.

އެކަމަކު، ސަލާމަތީ ޚިދުމަތްތަކުގެ އިސްވެރިން ވެސް ހިމެނޭ ގޮތަށް، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މާލީ ބަޔާން ހާމަކުރަން ލާޒިމުވާ ގޮތަށް ކުޑޫ ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ.

އެ އިސްލާހުތައް ބަލައިގަނެ، ޕީއެންސީގެ މެންބަރުން ވެސް ވަނީ މާލީ ބަޔާން ހާމަކުރަން ތާއީދުކުރައްވާފައެވެ.

އެ އިސްލާހު ބަލައިގެންފައި އޮއްވާ އިއްޔެ ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާޢޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާތަކެއް ވަތް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައެވެ. މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދާއޫދު 15 މިލިއަނެއްހާ ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އެކަމަކު، ދާޢޫދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި، ބަޔަކު އޭނާ ފްރޭމްކުރަން އުޅެނީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.