ޔޫޓިލިޓީސް ކުންފުނިތަކަށް އެސްޓީއޯ އިން ތެޔޮ ގަތުމަށް ފަހު މިހާތަނަށް ގާތްގަނޑަކަށް 350 މިލިއަން ރުފިޔާ އާ ގާތްކުރާ އަދަދެއްގެ ފައިސާ ނުދައްކައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ޔޫޓީލިޓީސް ކުންފިނިތަކުން އެސްޓީއޯ އިން ތެޔޮގަތުމަށް ފަހު ލާރި ނުދައްކާ ހުރުމުގެ ސަބަބުން އެކުންފުއްޏަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ޔޫޓިލިޓީ ކުންފުނިތަކުން ފައިސާލިބުމުގެ ދަތިކަން ހުރީ ހުސް އެކަނިި މި ހަ މަސް ދުވަހަކު ނޫން. އޭގެ ކުރިން ވެސް އެބަހުރި. ނަމަވެސް މި ހަ މަސް ދުވަސް ތެރޭގައި އަޅުގަނޑު ހަދާންވާ ގޮތުގައި ޑިސެމްބަރުން ފެށިގެން އެ ކުންފުނިތަކުން ފައިސާދެއްކުމުގައި އިތުރު ދަތިތަކަކާ ވަނީ ކުރިމަތިވެފައި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފައިސާތައް ހޯދުމަށް ޔޫޓިލިޓީސް ކުންފުނިތަކާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުއްޏަކަށް ވުމުން ސަރުކާރުގެ އެހެންކުންފުނިތަކަށް ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށްދޭން މަޖުބޫރުވާ ކަމަށާއި ނަމަވެސް އެ ފައިސާތައް ނުދައްކާ ހުރުމުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މެރީޑިއަމް ސާވިސަސް އާ ދެކޮޅަށް އެސްޓީއޯ އިން ކުރާ 19.3 މިލިއަން ރުފިޔާގެ ދައުވާއާއި ބެހޭ ގޮތުން ޝަހިދު ވިދާޅުވީ ކޯޓުން ބޭރުގައި އެ މައްސަލައާ ބެހޭ އިތުރު ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށާއި ވަކި ކުލައަކަށްނުބަލައި އެސްޓީއޯގެ ހައްގެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.