ފުލުސް ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ފުލުހުންގެ ވަޒީފާ އިން ވަކިކުރި ކުރީގެ ޗީފް އިންސްޕެކްޓާ އޮފް ފޮލިސް ހުސައިން ރިޝީފް ތޯހާ އަށް އަނބުރާ ވަޒީފާ ދެވޭނެ ތަނެއް ނެތް ކަމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށް ފުލުހުގައި އޭނާ އަދާކުރި ފެންވަރުގެ ވަޒީފާއެއް އޭނާ ދިނުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރިޝީފް ވަޒީފާ އިން ވަކިކުރީ އޮގަސްޓް 6، 2010 ވަނަ ދުވަހުގެ ރޭ ފަތިހު މާވެޔޮ މިސްކިތް ކައިރީގައި އަންހެން ކުއްޖަކު ހުއްޓާ އެ ކުއްޖާ ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައިގެން އޭނާ ބަރަހަނާކޮށް އޭނާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ. ރިޝީފް އަށް ފުލުހުންގެ ވަޒީފާ އަނބުރާ ލިބިދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 26، 2011ގަ އެވެ.

އޭރު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނަނީ ރިޝީފްގެ މައްޗަށް ކުރެވުނު ތުހުމަތަކީ އަދާ ކުރަމުންދިޔަ ފުލުހުންގެ ވަޒީފާ އިން ވަކިރެވޭވަރުގެ އެކަށީގެންވާ ތުހުމަތެއް ކަމުގައި ބެލެވޭ ވަރަށް މަދަނީ މިންގަނޑުން ހެކި ލިބިފައިވާތީ ފުލުހުންގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވައިދުގެ ހަތްވަނަ މާދާގެ (ހ) ގެ އެއްވަނަ ނަމްބަރާ ހަވާލާދީ އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ފުލުހުންގެ ގަވައިދުގެ 24 ވަނަ މާއދާގެ (ށ) ގެ ދަށުން ރިޝީފު ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ގަވައިދާ ހިލާފަށް ބެލެވޭނެ ތަނެއް ނެތް ކަމަށެވެ. އަދި ރިޝީފަށް އަނބުރާ ވަޒީފާ ދިނުމަށް އަންގާނެ ތަނެއް ވެސް ނެތް ކަމަށެވެ.

-- އެ ހުކުމްގައި ބުނަނީ ކާރު ތެރޭގައި ތިބި ކަމަށް ބުނާ މީހުން އެރޭ ގިނަ އަދަދަކަށް ރިޝީފަށް ގުޅާފައިވާ ކަން އެމީހުންގެ ކޯލު ރިކޯޑްތަކުން އެނގެން އޮތް ކަމަށެވެ. ރިޝީފް ވެސް އެމީހުންނަށް ގުޅާފައިވާ ކަން އެ ރިކޯޑްތަކުން އެނގޭ ކަމަށާއި ކާރުގެ ތެރޭގައި ތިބިކަމަށް ބުނާ މީހުންގެ ފޯނުތަކުގެ ލޮކޭޝަނަށް ބެލުމުން އެ ކާރު އެރޭ ދަތުރުކުރި ކަމަށް އެ އެންހެން ކުއްޖާ ބުނާ މަގުތަކާ ވެސް ދިމާވާ ކަމަށެވެ. އެ އަންހެން ކުއްޖާ ބަރަހަނާކޮށް ރިޝީފްގެ ގެ މ. މެއިންޒް ކައިރީ މަގު މައްޗަށް އެއްލާލުމުން އެ އަންހެން ކުއްޖާ އެތާ ހުއްޓާ ރިޝީފް އެތަނަށް ދިޔަކަން ތަހުގީގުގައި ރިޝީފް ވެފައިވާ އިއުތިރާފުން ވެސް އެންގެން އޮތް ކަމަށެވެ. --

ނަމަވެސް ދަށު ކޯޓްގެ އެ ހުކުމް ރީޝީފްގެ ފަރާތުން އިސްތިއުނާފު ކުރުމުުން ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ޔޫސުފު ހުސައިން އާއި އަބްދުﷲ ހަމީދު މައްސަލަ ބެއްލެވުމަށްފަހު މިއަދު އިއްވެވި ހުކުމުގައި ބުނަނީ ރިޝީފަށް އަނބުރާ ވަޒީފާ ދިނުމަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އެ ބައި ބާތިލު ކުރީ ކަމަށާއި މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ރިޝީފް ފުލުހުންގެ ވަޒީފާގައި އަދާކުރި ފަންތީގެ ވަޒީފާއެއް ދިނުމަށް އަންގާން ކަމަށެވެ.

އެ ހުކުމުގައި ދެން ބުނެފައި ވަނީ ސެޕްޓެމްބަރު 14، 2010 އިން ފެށިގެން ރިޝީފް ވަޒީފާއިން ވަކިވެވެފައިވާ ކަމަށް ނުބެލުމަށާއި އެ ތާރީހުންގެ ފެށިގެން ރިޝީފަށް ވަޒީފާ ދިނުމާ ހަމައަށް ރީޝީފަށް ލިބެންވާ މުސާރައާ އިނާޔަތްތައް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އޭނާއަށް ރައްދު ކުރުމަށެވެ.

"ހިދުމަތް މެދު ކެނޑިފައިވާ ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަގާމުގެ ކުރި އެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދު ކެނޑުނު މުއްދަތު ގުޅުވައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގައި މި މައްސަލަ ބެލި ދިވެހި ރާއްޖޭގެ ހައި ކޯޓްގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ،" ހުކުމުގައި ވެއެވެ.