15 Oct 2025, 08:53
މީގެ ހަ އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި، މަޅަޔާލަމް ކްރައިމް ތުރިލާ ފިލްމު "ޖޯސެފް"ގެ ހިންދީ ރިމޭކް "ސޫރިޔާ"ގެ މަސައްކަތް ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ސަނީ ވަނީ މި ފިލްމުގެ ވަރަށް ބޮޑު ބައެއް 2022 ވަނަ އަހަރު ތެރޭ ވެސް ޝޫޓްކޮށްފައެވެ. އެހެންކަމުން ތިން އަހަރު ފަހުން ސަނީ މިހާރު ފަށާފައިވަނީ ފިލްމުގެ ކްލައިމެކްސްގެ ޝޫޓިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
"ޖޯސެފް" ރިމޭކްގެ ބޮޑު ބައެއްގެ ޝޫޓިން ނިންމާލުމަށް ފަހު ފިލްމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނީ އޭރު ސަނީ ފަށާފައިވާ އެހެނިހެން ފިލްމީ ޕްރޮޖެކްޓްތަކަށް ވަގުތު ދިނުމުގެ ގޮތުން ފިލްމީ ޚަބަރުތައް ބުނެއެވެ.
ސަނީ ފިލްމު "ސޫރިޔާ"ގެ މަސައްކަތް ފަށާފައިވާކަން ފިލްމުގެ ޑައިރެކްޓަރު ޕަދުމާކުމާރު ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދިފައެވެ. ޕަދްމާކަރު ވަނީ ސަނީއާ އެކު ފިލްމު ސެޓުގައި ނަގާފައިވާ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ސަނީ ޑިއޯލް ފިލްމު "ޖޯސެފް"ގެ ފިލްމު ކްރޫއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މީގެ އިތުރުން، ބައެއް މީޑިއާތަކުން ވަނީ ފިލްމުގެ ޝޫޓިން ތެރޭގައި ސަނީއާއި ފިލްމުގެ ބަތަލާ ޕްރަގިއާ ޖައިސްވާލް މީޑިއާ ރިޕޯޓަރުންނާ ބައްދަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ. އިންޑިއާގެ ރާޖާސްތާނުގައި ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު މި އަހަރު ތެރޭ ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންވެ، ފިލްމުގެ ޝޫޓިން ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެ ތެރޭ ހިމެނޭ ސަނީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ހިމެނުނު ފިލްމު "ޖާޓް"އެވެ. ސަނީގެ ކުރިއަށް ހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ "ބޯޑާ 2"، "ލާހޯރު 1947" އަދި "ރާމާޔަން" ހިމެނެއެވެ.