ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ދާދި ފަހުން ރިލީޒްކުރި ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ލީޑް ތަރި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ސަޕޯޓަރުންނާ ހިއްސާކޮށްފައިވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކުންނެވެ.

އެ ވީޑިއޯގައި ވަރުން ފެންނަނީ ރާއްޖޭގެ ރިސޯޓެއްގައި ހިތްގައި މޫދު ސަރަހައްދުގައި ހިނގާލާ މަންޒަރެވެ. އެ ޕޯސްޓުގައި ވަރުން ވަނީ ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްގައި ހުރިކަން ހާމަކޮށްފައެވެ.

ވަރުން ރާއްޖެއަށް އައިސްފައިވަނީ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ރިލީޒްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ބެލެވޭ ގޮތުގައި އުމުރުން 38 އަހަރުގެ އެކްޓަރުގެ ރާއްޖެ އައިސްފައިވަނީ އަންހެނުން ނަތާޝާ އަދި އެއް އަހަރުގެ ދަރިފުޅު ލާރާ ގޮވައިގެންނެވެ.

ވަރުން ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

ވަރުން ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން އާއިލާއާ އެކު ރާއްޖެ އައިސްފައިވެއެވެ. އެގޮތުން, 2020 ވަނަ އަހަރު ވެސް ވަރުން ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. އަންހެނުން ނަތާޝާއާ އެކު އޭނާ އެންމެ ފަހުން ރާއްޖެ އައީ 2023ވަނަ އަހަރެވެ.

ވަރުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ މިހާރު އިއުލާނުކޮށް ޝޫޓިން ފަށާފައިވާ ފިލްމު "ބޯޑާ 2" އަދި ރަސްމީކޮށް އިއުލާނު ނުކުރާ ފިލްމު "ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" ހިމެނެއެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން 2012 ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި އެކްޓަރަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ޒުވާން އެކްޓަރުންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ.