އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ނަގާ ވޯޓުގެ ނަތީޖާއާ މެދު ރައްޔިތުން ހޭލުންތެރިކޮށްފައި ނޫނީ ވޯޓު ނުނެގުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންކަމާއި ގައުމީ މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލާއި ބަސް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އެކަން ކުރަން ވާނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކުރާ، ރައްޔިތުންގެ ބާރު އެންމެ ފުރިހަމައަށް ކަށަވަރުކުރުމުގެ މަގުސަދުގައި ކަމަށް ވުމަކީ ލާޒިމު ކަމެއް ކަމުގައި ދެކޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، އައްޑޫ ކައުންސިލް އޮންނާނެ ގޮތަކާމެދު ވޯޓެއް ނެގުމަށް އިއުލާނުކޮށްފައި ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން, އެ ބިލު ދިރާސާކުރުމަށާއި އެ ބިލާމެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ނުދީ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އައްޑޫގެ މޭޔަރު ނިޒާރާއި އެމްޑީޕީގެ އިސްވެރިން: އެޕާޓީން ވަނީ، އައްޑޫ ވޯޓު ނަތީޖާއާ މެދު ރައްޔިތުން ހޭލުންތެރިކުރަން ގޮވާލާފައި -- ފޮޓޯ/ އެމްޑީޕީ

އެހެންވެ، މިކަމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަން ފާހަގަކުރެވޭ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، ބިލުގައި ހުރި ކަންބޮޑުވާ ކަންކަން ފާހަގަކޮށް، ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި ކަމަށެވެ.

އެމްޑީޕީން ބުނީ، އައްޑޫގައި ވޯޓް ނެގުމަށް މިހާރު ކަނޑައަޅައިފައިވާ މުއްދަތަކީ، މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި ހޭލުންތެރިކުރުމަށާއި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.

އެ ފަދަ ބަދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދީފައިނުވާ ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އައްޑޫ ސިޓީގެ ކައުންސިލް އެކުލެވިފައިވާ ގޮތާ ގުޅޭ ގޮތުން ތިން ރަށެއްގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުން ވަކި ކޮޅަކަށް ބުރަ ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޓް: އެމްޑީޕީން ވަނީ، އައްޑޫ ވޯޓު ނަތީޖާއާ މެދު ރައްޔިތުން ހޭލުންތެރިކުރަން ގޮވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީން ބުނީ، އެކަމުން ވެސް މިއީ، އެއްވެސް ހަރުދަނާ ވިސްނުމެއް، ސީދާ މަގުސަދެއް އަދި ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްކަން ހާމަވާ ކަމަށެވެ.

"މި ދަނޑިވަޅުގައި މި ފަދަ ކަމެއް ކުރުމުގެ ބޭނުމަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި އޮތުމާއި ސަރުކާރުގެ ނާގާބިލުކަމާއި ރައްޔިތުންނާމެދު އަޅައިލުމެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ މައްސަލައާ ދުރަށް ރައްޔިތުންގެ ސަމާލުކަން އަނބުރައިލުމެވެ." އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ވަނީ، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށާއި އެ ކަންކަމާމެދު ފިކުރުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފަހު ނޫނީ ވޯޓު ނުނެގުމަށް ގޮވާލާފައެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން، ރައީސް އިއުލާންކުރެއްވީ މިދިޔަ މަހުގެ 17ގައެވެ.

އެ ވޯޓު އޮންނާނީ މި މަހުގެ 25ގައިކަން އީސީން އިއުލާން ކުރީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެގޮތުން ފޭދުއާއި ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލަށް އަހާނީ، އެ ތިން ރަށުގައި ވަކި ކައުންސިލެއް ހޮވުމަށް ފެންނަތޯއެވެ.