15 Oct 2025, 00:24
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ތަހުގީގަށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ އޭޕްރިލް 26ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ އެ މުއައްސަސާއަށް ހުށަހެޅީ މި މަހުގެ ނުވައެއްގައި ކަމަށެވެ.
ފުލުހުން ބުނީ، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ހައްޔަރުކުރި ދެ ވިޔަފާރިވެރިންނަކީ އާރިފާއި ވަހީދެވެ.
އޭގެ ތެރެއިން އާރިފް ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލައިފައެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި އޭނާ ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ބަޖެޓުން 24 މިލިއަން ރުފިޔާގެ ޚިޔާނާތެއް ހިންގާފައިވާ ކަމަށް އޮޑިޓަށް ފާހަގަވި މައްސަލައެއްގައި، 2013 ވަނަ އަހަރު ވެސް އާރިފާއި ވަހީދު ހައްޔަރުކުރިއެވެ.
އެހެންނަމަވެސް، ދެ މީހުން ހައްޔަރު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ދެ މީހުން ދޫކޮށްލުމަށް އެ ކޯޓުން އަމުރުކުރިއެވެ.
އެ ހުކުމުގައިވަނީ، ފުލުހުންނަށް ވުރެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަ ތަހުގީގުކޮށްފައިވާއިރު އާރިފާއި ވަހީދުގެ ކުށުގެ ރެކޯޑަށާއި އެ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށް ފަހު، އެ ދެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށެވެ.
ފުލުހުން ވަނީ, ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަަލައި ފާސްކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ ވެސް ތަފުސީލެއް ނުދެއެވެ.