14 Oct 2025, 23:44
ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ހުށަހެޅީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
އެ ބަޔާނުގައި ވަނީ، އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ މުވައްޒަފަކާއި އިތުރު މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް މިރޭ ވެސް ދަނީ ކުރިއަށެވެ." އެ މުއައްސަސާގެ ބަޔާނުގައިވެއެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓަކީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރި ތަކެއްޗެވެ. އެ އެއްޗެހި ހުރީ ޕޯޓްސް ކުންފުނި، އެމްޕީއެލްގެ ހަވާލުގައެވެ.
މި ފަހުން ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައިވެއެވެ.
ސިނގިރޭޓާ ދުރުކުރަން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ޖެހުނު ފަހުން ރާއްޖޭގެ ބާޒާރުގައި ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު އަންނަނީ ދައުރުކުރަމުންނެވެ. އެ ފަދަ ޝިޕްމަންޓުތައް ދޭތެރެއަކުން އަތުލައިގަނެއެވެ.