15 Oct 2025, 15:25
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް ސޯޝަލް މީޑިއާ އެޕް ކަމަށްވާ އެކްސްގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޔޫޒަރުންގެ ޕްރޮފައިލްއިން އެ މީހަކު ދިރިއުޅޭ ގައުމު ދައްކުވައިދޭ އާ ފީޗާއެއް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިއުލާންކޮށްފިއެވެ.
އެކްސްގެ ޕްރޮޑަކްޓްގެ ހެޑް، ނިކީޓާ ބިއާ ވިދާޅުވެފައިވާ ގޮތުގައި، މި އާ ފީޗާގެ ސަބަބުން ޔޫޒަރުންނަށް އެކައުންޓްތަކުގެ ސައްޙަކަން ދެނެގަތުމަށް ފަސޭހަވާނެއެވެ. އެގޮތުން މި ފީޗާގައި އެ އެކައުންޓެއް ހެދި ތާރީޚާއި، އެކައުންޓް ހިންގާ މީހަކު ދިރިއުޅޭ ގައުމާއި، ޔޫޒާނޭމް ބަދަލުކޮށްފައިވާ އަދަދު ފަދަ މައުލޫމާތުތައް ހިމެނޭނެއެވެ.
ނިކީޓާ އިތުރަށް ވިދާޅުވީ، އެކްސްގައި ކޮންޓެންޓް ފަތުރާއިރު، އެއީ ތެދު މައުލޫމާތުތޯ ޔަގީންކުރެވުން މުހިންމު ކަމަށެވެ. އެގޮތުން ދުނިޔޭގައި ހިނގާ މުހިންމު ކަންކަމުގެ ހަގީގަތް ދެނެގަތުމަށް މިއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފޭސްބުކްގެ "ޕޭޖް ޓްރާންސްޕޭރެންސީ" ފީޗާއާ އެއްގޮތް ކަމެއް ހުރި، މި ފީޗާ ތަޢާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ، ޕްލެޓްފޯމްގައި ފެތުރޭ ދޮގު މައުލޫމާތުތަކާއި، އޮޅުވާލުމުގެ އަމަލުތައް މަދުކުރުން ކަމަށް އެކްސްއިން ބުނެއެވެ. ޚާއްސަކޮށް، އެކައުންޓްތައް ހިންގަނީ ކޮން ގައުމެއްގައި އެނގުމުން، އެ އެކައުންޓް ހިންގާ ފަރާތުން ފޯރުކޮށްދޭ ހަގީގަތާ ޚިލާފު މައުލޫމާތު ދެނެގަތުމަށް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އާ ފީޗާ ފުރަތަމަ ތަޖުރިބާކުރެވޭނީ އެކްސްގެ މަދު މުވައްޒަފުންތަކެއްގެ ޕްރޮފައިލްތަކުގައި ކަމަށް ނިކީޓާ ބިއާ ވިދާޅުވިއެވެ. މިއީ މި ފީޗައަށް ފީޑްބެކް ހޯދައި، އެއަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.
އެކްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މައުލޫމާތު ހިއްސާކުރާ މުހިންމު ޕްލެޓްފޯމެކެވެ. ނަމަވެސް، މި ޕްލެޓްފޯމްގައި ދޮގު މައުލޫމާތު ފެތުރުމާއި، ބޮޓް އެކައުންޓްތަކުގެ ސަބަބުން އޮޅުވާލުމުގެ އަމަލުތައް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. މި ކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން، ނިކީޓާ ބިއާގެ އިރުޝާދުގެ ދަށުން، ޕްލެޓްފޯމްގެ ޞައްޙަކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
މި މަސައްކަތްތަކުގެ ތެރޭގައި 1.7 މިލިއަން ބޮޓް އެކައުންޓްތައް ނައްތާލުމާއި ލިންކްތައް ހިއްސާކުރާނެ އާ ގޮތްތަކެއް ގާއިމުކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ޔޫޒަރުންނަށް މައުލޫމާތުގެ ތެދުކަން ދެނެގަތުމަށް ފަސޭހަކޮށްދީ، ޕްލެޓްފޯމްގައި އިތުބާރު އާލާކުރުމެވެ.