އިންޑިއާގެ ޖީއެމްއާރު ގްރޫޕުން އޮޕަރޭޓް ކުރާ އެއާޕޯޓްތަކުގެ ތެރެއިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން (އައިއެންއައިއޭ)އަށް މިދިޔަ އަހަރުގެ ފަހު ތިން މަހު 6.65 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބި އެ ކުންފުނިން ހިންގާ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ވެސް އައިއެންއައިއޭން ކަން ހާމަވެއްޖެ އެވެ.

ސިވިލޭވިއޭޝަން ދާއިރާގެ ދިރާސާތައް ކުރާ ސެންޓާ ފޯ އޭސިއާ ޕެސިވިކް އޭވިއޭޝަން (ސީއޭޕީއޭ) އިން ޖީއެމްއާރުގެ އެއާޕޯޓް ވިޔަފާރިއާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް އައިއެންއައިއޭ އަށް ވަނީ އާމްދަނީގެ ގޮތުގައި 70 މިލިއަން ޑޮލަރު ލިބިފަ އެވެ. ޓެކްސް އަށް ކަނޑައި ސާފު ފައިދާއަކަށް ލިބިފައި ވަނީ 6.65 މިލިއަން ޑޮލަރެވެ.

ނަމަވެސް އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި އަދި ޖީއެމްއާރުގެ އެންމެ ބޮޑު އެއާޕޯޓް، ދިއްލީ އެއާޕޯޓުން އެ ކުންފުންޏަށް ކުރިމަތިލާން ޖެހުނީ 24.6 މިލިއަން ޑޮލަރުގެ ގެއްލުމަކާ އެވެ. ނަމަވެސް ދިއްލީ އެއާޕޯޓަށް އެ މުއްދަތުގައި ވަނީ 82840 ފްލައިޓް ޖައްސައި 10 މިލިއަން މީހުން އެއާޕޯޓް ބޭނުންކޮށްފަ އެވެ. އައިއެންއައިއޭ އިން އެ މުއްދަތުގައި ދަތުރުކޮށްފައި ވަނީ 9390 ފްލައިޓަކުން 760000 މީހެކެވެ.

ސީއޭޕީއޭ އިން މީގެ ކުރިން އާންމުކޮށްފައި ހުރި އެހެން ހިސާބުތަކަށް ބަލާ އިރި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވެސް އައިއެންއައިއޭ އަށް 49.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި ޓެކްސްއަށް ކަނޑައި ސާފު ފައިދާ އަށް 4.6 މިލިއަން ޑޮލަރު ލިބުނެވެ. މިއަހަރުގެ ދެވަނަ ކުއާޓާގެ ޖީއެމްއާރުގެ ހިސާބުތައް ސީއޭޕީއޭން އަދި އާންމެއް ނުކުރެ އެވެ. މިހާރު އާންމުކޮށްފައި ހުރި ހިސާބުތަކަށް ބަލާއިރު ވެސް ޖީއެމްއާރަށް އައިއެންއައިއޭ މެދުވެރިކޮށް 11.25 މިލިއަން ޑޮލަރު ފައިދާއެއް ލިބިފައިވާނެ ކަމަށް ބެލެވެ. އެ އަދަދު އެއަށްވުރެ ވެސް އިތުރުވާނެ ކަމަށްބެލެވެ އެވެ.

އެ ރިޕޯޓުތަކުގެ ފާހަގަކޮށްފައި ހުރި ބައެއް ކަންކަމަށް ބަލާ އިރު އައިންއައިއޭން ލިބޭ ބޮޑު ފައިދާއާ އެކު މުޅި ޖީއެމްއާރުގެ އާމްދަނީ ވެސް ވަނީ 41 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި އައިއެންއައިން އެންމެ ބޮޑު އާމްދަނީއެއް ޖީއެމްއާރަށް ލިބެނީ އެއާޕޯޓުން ނަގާ ފީތައް ބޮޑުވުމުން ކަމަށް އެ ރިޕޯޓުން ހާމަވެ އެވެ.

އެގޮތުން އައިއެންއައިއޭ އަކީ އެމިރޭޓްސް، ސްރީލަކަން، އިއްތިހާދު މެލޭޝިޔާ އަދި ގަތަރު އެއާލައިންސްގެ މައި ބަދަރެއް ކަމަށް ފާހަގަކުރަމުން އެކަމާ ގުޅޭ ތަފްސީލުތައް ވެސް ވަނީ ހިމަނައިފަ އެވެ. އައިއެންއައިއޭގެ ޓްރެފިކްގެ 22 ޕަސެންޓަކީ ސްރީލަންކަން އެއާލައިންސް ކަމަށްވާ އިރު އެމިރޭޓްސްއިން އަންނަނީ 18.4 ޕަސެންޓް ހިއްސާ ކުރަމުންނެވެ. އަދި 24 ޕަސެންޓަކީ އެހެނިހެން އެއާލައިންތަކުން ހިއްސާކުރާ ވަރެވެ.



މިދިޔަ ނޮވެމްބަރުން ފެށިގެން އެއާޕޯޓުން ނަގައި ފީތައް ވަނީ ވަރަށް ބޮޑުތަން ބޮޑުކޮށްފަ އެވެ.

އެއާޕޯޓް ޓްރެފިކްގެ އެންމެ ބޮޑަށް ހިއްސާވާ ސްރީލަންކަން އަދި އިއްތިހާދުން މީގެ ކުރިން ވެސް ވަނީ އެއާޕޯޓު ފީތައް ބޮޑުވެ އެކަމާ ޝަކުވާކޮށްފަ އެވެ. އަދި އެދުވަސްވަރު އެ މައްސަލަ ވަރަށް ހޫނުވި އެވެ. އެއާލައިންތަކުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ އިއްތިހާދާއި މެލޭޝިޔާ އެއާލައިންސް ފިޔަވައި އެހެން އެއާލައިންތަކަށް އެފީތަކަށް އެއްބަސްވެވިފައި ނުވާތީ އެހެން އެއާލައިންތަކުން ދައްކަމުން އަންނަނީ ބޮޑު ކުރި ފީތައް ނޫންކަމަށެވެ.

"ހުރިހާ އެއާލައިންއަކަށް ވެސް ބިލް ކުރަނީ ބޮޑު ފީ، އެކަމަކު އެ ދެ އެއާލައިން އިން ނޫނީ އެ ފީއެއް ނުދައްކާ. އެހެން އެއާލައިންތަކުން ކުޑަފީއެއް މިދައްކަނީ، މިއީ އެހެން އެއާޕޯޓްތަކާއި އަޅާބަލާއިރު ބޮޑުފީއެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެއާޕޯޓް ފީތައް ބޮޑުވެގެން އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިންވެސް ވަނީ މިއަހަރުގެ ފެބުރުއަރީ މަހު ސަރުކާރަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެގޮތުން މި ސަރަހައްދުގައި އޮޕަރޭޓްކުރާ އެއާޕޯޓުތަކާ ދުނިޔޭގެ ބޮޑަތި އެއާޕޯޓުތަކާ އަޅާ ބަލާ އިރު ރާއްޖޭގެ އެއާޕޯޓުގެ ތެލުގެ އަގު ވެސް ވަރަށް ބޮޑު ކަމަށާއި އެހެން ފީތައް ވެސް 50 ޕަސެންޓަށް ބޮޑުކަމަށް ވަނީ ބުނެފަ އެވެ.



އެއާޕޯޓުން ބޮޑަތި ފީތަކެއް ޖީއެމްއާރުން ނަގައި ބޮޑު ފައިދާއެއް ހޯދާއިރު ފާއިތުވި ތިން މަސް ދުވަހަށް ވެސް އެއާޕޯޓުން ސަރުކާރަށް އާމުދަނީއެއް ލިބިފައި ނުވާ އިރު ޖީއެމްއާރަށް ސަރުކާރުން 1.5 މިލިއަން ޑޮލަރު ދޭންޖެހެ އެވެ. އެ ފައިސާ ދޭން ޖެހުނީ ސަރުކާރަށް ލިބެންޖެހޭ 5.6 މިލިއަން ޑޮލަރުން އޭޑީސީ އާއި އިންޝުއަރެންސުގެ 27 ޑޮލަރު ކެނޑުމުން ކަމަށް ޖީއެމްއާރުން ވަނީ ބުނެފަ އެވެ. ޖީއެމްއާރުން ވަނީ އޭޑީސީގެ 25 ޑޮލަރުގެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދައިފަ އެވެ.