ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މާދަމާއިން ފެށިގެން އައު ޓާމިނަލްއަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނިންމައިފިއެވެ.

އެމްއޭސީއެލްއިން މިއަދު ބުނީ، ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ބަދަލު ކުރަނީ އައު ޓާމިނަލްގެ ގްރައުންޑު ފްލޯއަށް ކަމަށެވެ.

މިގޮތުން، އެ ބަދަލު ގެންނަނީ އެ ޓާމިނަލް ހުޅުވުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންތާބޯޓުތަކަށް އައު ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމަށެވެ. އެހެންވެ، ރަންވޭއަށް ކްލިއަރެންސް ހޯދުމަށް މިހާރު ބޭނުންކުރާ ޓާމިނަލާއި އެތަނާއި އިންވެގެން ހުރި އިމާރާތްތަކާއި އުސް ތަންތަން ނަގައި ހުސްކުރަން ޖެހޭ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މާދަމާއިން ފެށިގެން، މިހާރު ބޭނުންކުރާ ޓާމިނަލްއާ ދިމާލަށް އޮންނަ އެއާޕޯޓުގެ ޖެޓީ ބޭނުންނުކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލް ބުންޏެވެ. އަދި، އެއާޕޯޓު ޖެޓީ ބޭނުންކުރާ މީހުންނަށް މާދާމާއިން ފެށިގެން ވަގުތީ ގޮތުން ހަނިމާދޫ ބަނދަރު ބޭނުންކުރެވޭނެ ކަން އެކުންފުނިން ފާހަގަކުރިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 25ގައި ހަނިމާދޫއަށް ވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އަމާޒަކީ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު ނިންމައި ހުޅުވުން ކަމަށް ވިދާޅުވެފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ކުރީ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ.