ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ކުރީގެ ޑިރެކްޓަރު އަބްދުﷲ އަލްގީންގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަލްގީންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އޭނާ މީޓިއޮރޮލޮޖީގެ ޑިރެކްޓަރަކަށް ހުންނެވި އިރު ޖަޕާންގެ ޖެމްސްޓެކުން ކުންފުނިން ރާއްޖޭގައި ހިންގި މޫސުމާ ބެހޭ މަޝްރޫއަކުން ދިވެހި ސަރުކާރަށް ފޮނުވި 177،460 އެމެރިކާ ޑޮލަރު (2.2 މިލިއަން ރުފިޔާ) އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދައުވާގެ އަސްލަށް އަލްގީން އިންކާރުކޮށްފައިވާ ކަމަށާއި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އެއްވެސް ލިއުމެއްގައި އެ ފައިސާއަކީ މީޓީއޮރޮލޮޖީގެ އެކައުންޓަށް ޖަމާވާން ޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"ޖެމްސްޓިކާއި ސަރުކާރާ ދެމެދު މި އެއްބަސްވުން ވެވިފައި ވަނީ ސަރުކާރުންދޭ ހިދުމަތުގެ ބަދަލުގައި މި މަޝްރޫއުގައި ޖެމްސްޓިކްގެ ފަރާތުން ބޭނުންކުރާ އާލާތްތައް ސަރުކާރަށް ދިނުމުގެ މުގާބިލްގައި ކަން ހުށަހެޅިފައިވާ ލިއުންތަކުންނާއި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދިން ހެކިންގެ ބަހުން އެނގޭ،" ހުކުމްގައިވެ އެވެ.

ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައި ނުވާ ކަމަށާއި އެ މަޝްރޫއުއަށް ހަރަދުކޮށްފައި ވަނީ ޖަޕާނުން ކަމަށާއި ޖަޕާނުގެ ކުންފުނިން އެ މައްސަލާގައި ޝަކުވާކޮށްފައި ނުވާ ކަމަށެވެ.

"އަލްގީގެ އެކައުންޓަށް ޖެމްސްޓެކުން ޖަމާކުރި ފައިސާ އަކީ ޖެމްސްޓެކުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއްކަން ދައުލަތުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ އިރު، އަބްދުﷲ އަލްގީންގެ މައްޗަށް ދައުލަތުން ކުޅަ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ވަރަށް ކާފީ ހެކިލިބިފައި ނުވާތީ، ހިޔާނާތްވުމުގެ ކުށް އަބްދުﷲ އަލްގީންގެ މައްޗަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ހުކުމްކޮށް، މި ގަޒިއްޔާ ނިންމީ އެވެ."