މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެލުގެ ވިޔަފާރި ކުރާ ހޯކްސް ކުންފުނީގެ ބޯޓަކުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުގެ މައްސަލައިގެ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، މައިގަނޑުގޮތެއްގައި ކޮމިޓީން ނިންމާފައިވަނީ މައްސަލައިގެ ރިޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމަށް ކަމަށެވެ.

މި ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދުގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ކޮމިޓީގެ އިއްތިފާގުން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ.

ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި ކަމާ ގުޅިގެން ހޯކްސްއިން "ސަން"އަށް އޭރު ބުނީ، އެއީ ބޭރު ބަޔަކާއި ހޯކްސްގެ މުވައްޒަފުންގެ ޓީމެއް ގުޅިގެން ހިންގަފައިވާ "ޖަރީމާއެއް" ކަމަށާއި، އެ ކަމާ ގުޅިގެން ކަސްޓަމާއި ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ހޯކްސްގެ ފަރާތުން ދޭނެ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ހޯކްސްއިން ނެރެފައިވާ ބަޔާނެއްގައިވަނީ ރާއްޖެއަށް ސިއްރުން ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އެ ކަމުގައި އަމިއްލަ މަންފާއަށް ގާނޫނާ ޚިލާފު އަމަލެއް ކުރީ މުވައްޒަފުންތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި، އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް ކުންފުނިން ބުނެފައިވެއެވެ.

ހޯކްސްއަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތް ކަމަށް ކުންފުނިން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ހޯކްސްގެ ބޯޓަކުން ވަގަށް އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ މޭ މަހުގެ އަށްވަނަ ދުވަހު ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައެވެ. އަދި، 12 މީހަކު ކުށަށް އިއުތިރާފުވުމުން އެ މީހުންނަށް ދައުވާނުކޮށް އިއުތިރާފުގެ އެއްބަސްވުމެއް ހަދަން އެ މަހުގެ ހަތަރުވަނަ ދުވަހު ނިންމާފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ނަމަވެސް، އިތުރު ހެކި ނެތް ކަމަށް ބުނެ، ހޯކްސްގެ މައްޗަށް މި މައްސަލައިގައި ދައުވާނުކުރަން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ވެސް ލަސް ކަމަށް ބުނެ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އޭރު ވަނީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހޯކްސްގެ ހިއްސާދާރުންގެ ގެއަށް ވަޑައިގެންނެވި ކަމަށް ތުހުމަތު ވެސް ކޮށްފައެވެ.