16 Aug 2012, 12:26
ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓާ ގުޅޭގޮތުން އެމްޑީޕީން ހުށައަޅާފައިވާ އެއްވެސް ކަމަކާ ސަރުކާރުން އެޕާޓީއާއެކު މަޝްވަރާ ނުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ކޯނީގެ ރިޕޯޓު ނުކުތުމުގެ ކުރީގައި އެއްވެސް ފަރާތަކުން ކޯނީގެ ރިޕޯޓުން ނުކުމެދާނެ ނަތީޖާއާގުޅޭ ގޮތުން ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ. އަދި ކޯނީގެ ރިޕޯޓަކީ ނަތީޖާއެއް ނޫން ކަމަށާއި އެރިޕޯޓަކީ ނިޒާމުގެ ހުރި މުއައްސަސާތަކަށް ލިބިދޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކުރަ ރިޕޯޓެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"ކޯނީގެ ރިޕޯޓަކީ ނަތީޖާއެއް ނޫން. އެރިޕޯޓަކީ ނިޒާމުގެ ހުރި މުއައްސަސާތަކަށް ލިބިދޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކުރާ އެއްޗެއް އެހެންވީމަ އެރިޕޯޓަކީ ސިޔާސީ ބޮޑު ކާނިވަލަކަށް ހަދަންޖެހޭވަރު ކަމެއް ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރަން،" އައްބާސް ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓުގައި ބަޣާވާތެއް ކަމަށް ބުނެފިނަމަ އަލުން ރައީސް ނަޝީދަށް ވެރިކަން ދޭންޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވާ ބުނުމަށް ރައްދު ދެއްވާ އައްބާސް ވިދާޅުވީ ވެރިކަމުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅަކު އަލުން ވެރިކަން ދޭންޖެހޭ ކަމަށް ގާނޫނު އަސާސީގައި ނޯންނަ ކަމަށާއި އެފަދަ ވާހަކަތަކެއް ދެއްކިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ގާނޫނޫ އަސާސީއަކު ނެތް ބުނެފައެއް ވެރިކަމުން އިސްތިއުފާ ދެއްވީމަ އެއީ ކައިވެއްޏެއް ގޮތަށް އަލުން ރުޖޫއަ ކުރެވޭނެ ކަމަކަށް،" އައްބާސް ވިދާޅުވި އެވެ.
އެމްޑީޕީ އިން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ އެއްވެސް ބައެއްގެ ކުށެއް ކުރުމެއް ނެތި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ކަނޑައަޅައިފި ނަމަ، އެމްޑީޕީ އިން ހުށަހަޅަނީ ގާނޫނު އަސާސީގައިވާ ގޮތަށް އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށެވެ. އަދި ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފި ނަމަ ވެރިކަން އެމްޑީޕީ އަށް އަނބުރާ އިޔާދަ ކުރަން ޖެހޭނެ ކަމަށެވެ.
އެ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އެ ހުށަހެޅުމަށް ގައުމީ ހިންގާ ކޮމެޓީން ތާއީދު ކޮށްފައިވާ އިރު ކޯނީގެ ރިޕޯޓްގައި ގާނޫނާއި ޚިލާފު އަމަލުތަކެއް ބަޔަކު ހިންގާފައިވާ ކަމަށް ފާހަގަކޮށްފި ނަމަ އަވަސް އިންތިޚާބަކަށް އެއްބަސްވުމަށާއި އަދި އެބަޔަކު މަގާމުތަކުން ދުރުކޮށް، އެ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވައި އެއް މަސްދުވަހުގެ ތެރޭގައި ޝަރީއަތުގެ މަރުހަލާތައް ނިންމުމަށް ހުށަހެޅުމަށް ވެސް ގައުމީ ހިންގާ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީގެ އެ ހުށަހެޅުމަށް، ރޯދަ މަސް ނިމުމުގެ ކުރިން ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.