14 Oct 2025, 12:50
މަތީ ފަންތީގެ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޔުނިވާސަލް ރިސޯޓްސް، "ވާސާ ހޮސްޕިޓާލިޓީ"ގެ ނަމަށް އިއްޔެ ރީބްރޭންޑްކޮށްފިއެވެ.
ޔުނިވާސަލުން ބުނީ މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ބަދަލާއެކު، އެ ކުންފުނިން ވެސް ބައިނަލްއަގްވާމީ މާކެޓަށް ފުޅާވެ، ޚިދުމަތްތައް ހަރުދަނާ ކުރަން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.
"ވާސާއަކީ ހަމައެކަނި ނަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ރިސޯޓުތަކުން ނެރެވޭނެ އެންމެ މަތީ ފައިދާ ހޯދުމަށާއި، މުސްތަގްބަލުގައި ކުންފުނި ފުޅާކުރަން ކަނޑައަޅައިފައިވާ އަމާޒު ހާސިލްކުރަން ދުރާލައި ތައްޔާރުވެ ގެނައި ބަދަލެއް،" ޔުނިވާސަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އުމަރު މަނިކު ވިދާޅުވިއެވެ.
ޔުނިވާސަލް ރިސޯޓްސް ރީބްރޭންޑް ކުރުމާއެކު ވެސް އެ ކުންފުނީގެ ސީއީއޯކަން ހަވާލުކޮށްފައިވަނީ، ރީބްރޭންޑް ވުމާ ހަމައަށް އެ މަގާމުގައި ހުންނެވި ވިޝާ މާހިރަށެވެ.
ވިޝާ ވަނީ އެ ކުންފުނީގެ ހިންގުމުގެ އިސް މަގާމުތަކެއް ފުރައިފައެވެ. އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ތެރޭގައި ފާއިތުވި 20 އަހަރު ތެރޭ މަސައްކަތް ކުރިއެވެ.
ވާސާ ހޮސްޕިޓާލިޓީއަށް ރީބްރޭންޑް ކުރުމާއެކު ރިސޯޓުތަކަށް ކިޔާ ނަންތަަކަށް ވެސް ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ދެން ކިޔާނީ:
ނިވާ ކުރުނބާ (ރާއްޖެ)
- ނިވާ ވެލައްސަރު (ރާއްޖެ)
- ނިވާ ކުރަމަތި (ރާއްޖެ)
- ނިވާ ދިގަލި (ރާއްޖެ)
- ނިވާ ލަބްރިޒް (ސީޝެލްސް)
- ނީވަ އާރިއާ (ސީޝެލްސް)