16 Aug 2012, 11:10
ދިމިޝްޤު (އޮގަސްޓް 16): ސޫރިޔާގެ އުތުރުގެ ސަރަޙައްދެއްް ކަމަށްވާ އިޢްޒާޒްގައި އިއްޔެ ޤަތްލު އާންމެއް ހިންގައި 193 މީހަކު މަރާލައިފިކަމަށް އެޤައުމުގެ އިދިކޮޅު ފަރާތްތައް ބުނެފި އެވެ.
މިޤަތްލުއާންމުގައި މީހުން މަރުވެފައި ވަނީ ސޫރިޔާގެ ވައިގެސިފައިން ދިން ޙަމަލާތަކާއި ސޫރިޔާ ސަރުކާރަށް ތާއީދުކުރާ މިލީޝިޔާ ހަނގުރާމަވެރިން އާދައިގެ ހަތިޔާރުން އެއްގަމުންދިން ޙަމަލާތަކުގައި ކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންބުނެ އެވެ. އިދިކޮޅު ފަރާތްތައް ބުނާ ގޮތުން އިޢްޒާޒްގައި މަރުވި 193 މީހުންގެ ތެރެއިން 40 މީހުން މަރުވީ ސޫރިޔާ ސިފައިންގެ ވައިގެ ޙަމަލާތަކުގަ އެވެ. އަނެއް ބައިމީހުން މަރުވީ ޝައްބީޙާއާއި އެނޫން ވެސް ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން އެއްގަމުން ދިން ޙަމަލާތަކުގަ އެވެ.
އިޢްޒާޒްގައި މަދުވެގެން 80 މީހުން މަރުވެފައިވާ ކަމަށް ހަނގުރާމައިގެ މައިދާނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ޙަވާލާދީ ރޮއިޓާސް ޚަބަރު ދީފައިވެ އެވެ. އިޢްޒާޒް އާއި އެރަށް ނިސްބަތްވާ ޙަލަބްގެ އެ ކިސަރަޙައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިންނާ ދެމެދު ދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. (އަލްޖަޒީރާ+ރޮއިޓާސް)