ބޮލީވުޑްގެ ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީ ބަޑީގެ ލައިސަންސް ހޯދުމަށް އެދި ކަމާބެހޭ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ލައިސަންސް ހޯދުމަށް އެދި ސަންގީތާ ހުށަހަޅާފައި ވަނީ ޕަވާނާގައި ހުންނަ ބަތަލާގެ ފާމްހައުސްއަށް ދާދިފަހުން ބަޔަކު މީހުން ވަދެ ވައްކަންކޮށް ގޭގައި ހުރި ސާމާނުތަކަށް ގެއްލުންދިނުމުގެ ހާދިސާއާ ގުޅިގެންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަތާ ތިން މަސްވެފައިވާއިރު މާބޮޑު ކުރިއެރުމެއް ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާ ކަމަށް ސަންގީތާ ވަނީ ބުނެފައެވެ.

ޕަވާނާގައި ހުންނަ ފާމްހައުސްގައި ސަންގީތާ ދިރިއުޅެމުން އަންނަތާ 20 އަހަރުވެފައި ވާއިރު ފާއިތުވެދިޔަ ތިން މަސް ހޭދަކުރީ ބިރުވެރި ކަމެއްގެ ތެރޭގައި ހުރެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މި އަހަރުގެ ޖުލައި މަހުގެތެރޭ ބަތަލާގެ ފާމްހައުސްއިން ވައްކަން ކުރި މީހުން ވަނީ އެ ގޭގައި ގެންގުޅުނު އައިސްއަލަމާރި އާއި ބައެއް ފަރުނީޗަރުތަކާ އެކު ޓީވީ ވެސް ގެންގޮސްފައެވެ. މީގެ އިތުރުން 50،000 އިންޑިއަން ރުޕީސް ވެސް ވަނީ ވަގަށް ނަގާފައެވެ.

ސަންގީތާގެ ފާމްހައުސްއިން ވައްކަންކޮށްފައި--ފޮޓޯ/ޕިންކްވިލާ

އެ ހާދިސާ ހިނގިއިރު ސަންގީތާ ގޭގައި ނޫޅެއެވެ. އެ ގެއިން ވައްކަން ކުރި މީހުން ވަނީ ސަންގީތާގެ ފާމް ހައުސްގެ ފާރުގައި އިންޒާރުގެ މެސެޖުތަކެއް ބޮޑު އަކުރުން ލިޔެފައި ކަމަށާއި އެ މަންޒަރު ސިފަ ކުރެވުނަސް ހިތް ބިރުގަންނަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ސަންގީތާ މީޑިއާގައި ބުނިގޮތުގައި ބަތަލާގެ އިތުރުން ވެސް ޕަވާނާގައި ދިރިއުޅޭ އެހެން މީހުންގެ ގެއިން ވެސް ވައްކަން ކުރާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އޭގެތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަދި އާއިލާއާ އެކު ޕަވާނާގައި ދިރިއުޅޭ މީހުން ހިމެނެއެވެ.

ސަންގީތާ އަކީ އެކަނި މާއެކަނި ގޭގައި ދިރިއުޅޭ މީހަކަށްވެފައި ހާއްސަކޮށް އަންހެނަކަށް ވުމުން ހަށިރައްކަލަށް ހަތިޔާރު ގެންގުޅުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އަމިއްލަ ހަތިޔާރެއް ވަކިން ގެންގުޅުމަކީ ދުވަހަކުވެސް ބޭނުންވި ކަމެއް ނޫން ކަމަށާއި ނަމަވެސް މިހާރު ދިރިއުޅޭ ވެށީގެ ރައްކާތެރިކަމާއި އަމާންކަމާ މެދު ސުވާލު އުފެދޭތީ އެ ނިންމުން ބަދަލުކުރަން ބޭނުންވީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިންނަކީ ހާއްސަ ހުއްދައެއްގެ ދަށުން މިހާރުވެސް އަމިއްލަ ހަތިޔާރު ގެންގުޅޭ ތަރިންނެވެ. އޭގެތެރޭގައި ޝާހްރުކް ޚާން، ސަލްމާން ޚާން، އަމީތާބް ބައްޗަން، ސަނީ ޑިއޯލް، ޕޫނަމް ދިލޮން، ސޮހާ އަލީ ޚާން އަދި ގޯވިންދާ ހިމެނެއެވެ.