14 Oct 2025, 09:26
އެމެޒޯނުން ޗުއްޓީ ސީޒަނަށް 250،000 މުވައްޒަފުން ހޯދަން ނިންމައިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހޯމަ ދުވަހު އެމެޒޯން އިން ހާމަކުރި ގޮތުގައި، އެ ކުންފުނިން އެމެރިކާގެ އެތެރޭގެ ޑެލިވަރީ އަދި ޓްރާންސްޕޯޓޭޝަން ނެޓްވޯކްތަކަށް ޗުއްޓީގެ ސީޒަނަށް 250،000 މުވައްޒަފުން ހޯދުމަށް ވަނީ ނިންމައިފައެވެ. މި އަދަދަކީ ފާއިތުވި ދެ އަހަރު ވެސް އެމެޒޯނުން ހޯދި މުވައްޒަފުންގެ އަދަދެވެ. މިއީ އޯޑަރުތައް ގިނަވެދާނެކަމަށް ބަލާ ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އީ-ކޮމާސްގެ އެންމެ ބޮޑު ކުންފުނިން ކުރާ މަސައްކަތެކެވެ.
މިފަހަރުގެ ޗުއްޓީގެ ސީޒަނުގައި އެމެރިކާގެ ރައްޔިތުން ޚަރަދުކުރުމުގައި ފަރުވާތެރިވާނެ ކަމަށް ބެލެވޭއިރު، މީގެ ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކުގެ އަސަރު ރައްޔިތުންނަށް ކުރަމުންދާ ކަމަށް ބެލެވޭތީއެވެ.
މިފަދަ ސާވޭތައް ކުރިއަށް ގެންދާ ކުންފުނި އެޑޯބީ އެނަލިޓިކްސްއިން ފާއިތުވި ހަފްތާގައި ލަފާކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޗުއްޓީގެ ސީޒަނުގައި އެމެރިކާގެ އޮންލައިން ވިޔަފާރި ދަށްވާނެއެވެ. ނަމަވެސް، އީކޮމާސްގެ ވިއްކުންތައް އަދިވެސް މުޅި ޖުމްލަ ވިއްކުންތަކަށްވުރެ ރަނގަޅުވާނެ ކަމަށް ލަފާކުރެއެވެ.
ޗައިނާގެ މުދަލަށް ޓްރަމްޕް އަލަށް ކަނޑައެޅުއްވި ޓެރިފްތަކުގެ އަސަރު ޗުއްޓީގެ ސީޒަންގެ ވިއްކުންތަކަށް ވަރަށް ކުޑަކޮށް ކުރާނެ ކަމަށް ވެސް އެމެޒޯނުން ބުނެއެވެ. ސަބަބަކީ ގިނަ އިންވެންޓްރީ މިހާރު ވެސް އެމެރިކާއަށް ވަދެފައި ހުރުމެވެ.
އެމެޒޯނުން ބުނެފައިވާ ގޮތުގައި، ފުލް-ޓައިމް އަދި ޕާޓް-ޓައިމް މުވައްޒަފުންނަށް ގަޑިއަކަށް 23 ޑޮލަރު ދޭނެއެވެ. މީގެ އިތުރުން އިނާޔަތްތައް ވެސް ލިބޭނެއެވެ. އަދި ސީޒަނަލް މުވައްޒަފުންނަށް ގަޑިއަކަށް އެވްރެޖްކޮށް 19 ޑޮލަރަށް ވުރެ ގިނައިން ލިބޭނެއެވެ.
ފާއިތުވި މަހު އެ ކުންފުނިން ބުނެފައިވާ ގޮތުގައި، އެމެޒޯންގެ އެމެރިކާގެ ގުދަންތަކުގައި މަސައްކަތްކުރަ މުވައްޒަފުންނާއި އަދި ޓްރާންސްޕޯޓޭޝަން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށާއި، ސިއްހީ ޚަރަދުތަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކޮށްފައިވެއެވެ.
އެމެޒޯން އިން ޗުއްޓީގެ ސީޒަނަށް ތައްޔާރުވަމުންދާއިރު، އެހެނިހެން ވިޔަފާރިތަކުން ވެސް ދަނީ އެކި ގޮތްގޮތަށް ލަފާތައް ދެމުންނެވެ. ޓާގެޓް އަދި ބެސްޓް ބައި އިން އެ ކުންފުނިތަކުގެ އަހަރީ ލަފާތައް ދަމަހައްޓާފައިވާއިރު، ވޯލްމާޓް އަދި މޭސީސް އިން ވަނީ އެ ކުންފުނިތަކުގެ ލަފާތައް އިތުރުކޮށްފައެވެ.
އެމެޒޯންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ބޮޑު ކުންފުންޏެއް ކަމަށްވުމުން، ދިވެހިންނަށް ވެސް އެ ކުންފުނީގެ ބައެއް ވަޒީފާތަކަށް އެޕްލައި ކުރެވިދާނެއެވެ. އެކަމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެމެޒޯންގެ ރަސްމީވެބްސައިޓުންލިބޭނެއެވެ.