16 Aug 2012, 11:00
މައްކާ (އޮގަސްޓް 16): މައްކާގައި ފެށުނު އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓް ރޭގެ ދަންވަރުގައި ނިމިއްޖެ އެވެ. މައްކާ ޗާޓަރުގެ ނަމުގައި މި ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ސޫރިޔާގެ މައްސަލަ ޙައްލުކުރެވެންދެން އޯއައިސީގެ މެންބަރުކަމުން ސޫރިޔާ ސަރުކާރު ސަސްޕެންޑް ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައިވެ އެވެ.
އޯއައިސީގައި ސޫރިޔާގެ ސަރުކާރު ސަސްޕެންޑް ކުރުމަކީ އެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވައި ސޫރިޔާގެ އެއްބައިވަންތަކަން ހިފެހެއްޓޭނެ ސުލްޙަވެރި ގޮތަކަށް އެޤައުމުގެ ދާޚިލީ މައްސަލަ ޙައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ދެކޭކަމަށް ވެސް ސަމިޓުން ނެރުނު ބަޔާނުގައިވެ އެވެ.
ސަމިޓުން ނެރުނު ބަޔާނުގައި އިސްލާމީ ޤައުމުތަކާއި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އިސްލާމީ އެއްބައިވަންތަކަމަށާއި ވަޙްދަތަށް ގޮވާލާފައިވެ އެވެ. އަދި ފިތްނައާއި މަޛްހަބީ ބައިބައިވުންތަކަށް ޖާގަ ނުދިނުމަށާއި އިސްލާމީ މުޖްތަމަޢުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް ގުޅުންތައް ހަރުދަނާކޮށް އިތުބާރު އުފެއްދުމަށްވެސް ގޮވާލާފައިވެ އެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ހިމެނޭ އިސްލާމީ ފަންސާސް ހަތް ޤައުމުގެތެރޭން 40 ޤައުމެއްގެ އެންމެ އިސްވެރިން މިސަމިޓަށް ޙާޒިރުވެ ވަޑައިގެންނެވި އެވެ. އަނެއް 17 ޤައުމުން ވެސް ބޮޑުވަޒީރުންނާއި ޚާރިޖީ ވަޒީރުންނާއި ނައިބު ރައީސުން ފެންވަރުގެ އިސް މަސްއޫލުވެރިން ސަމިޓްގައި ތަމްޘީލް ކުރެއްވި އެވެ.
ފަލަސްތީނުގެ މައްސަލާގައި އިސްލާމީ ސަމިޓުގެ ބަޔާނުގައި ވަނީ އިސްރާއީލު ޢުދުވާނީ ޢަމަލުތައް ކުއްވެރިކޮށް ހިފާފައިވާ ބިންތަކުން ފޭބުމަށާއި އެބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުން ހިންގާ ޣައިރުޤާނޫނީ މަޝްރޫޢުތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި މާތްވެގެންވާ މަސްޖިދުލްއަޤްސާއަށާއި މުސްލިމުންގެ މުޤައްދަސް ބިނާތަކަށް ގޯނާކުރުން ހުއްޓާލުމަށް އިސްރާއީލަށް ގޮވާލައި ފަލަސްތީނުގެ މިނިވަންދައުލަތައް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ތާއީދުކޮށް މިކަމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެހީތެރިކަމަށް ސަމިޓްގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މިޔަންމާގެ މުސްލިމުންގެ މައްސަލާގައި ސަމިޓުން މިޔަންމާ ސަރުކާރަށް ގޮވާލާފައި ވަނީ އެމީހުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓާލުމަށާއި އިންސާނީއެހީ ފޯރުކޮށްދިނުމުގެ ފުރްސަތުދިނުމަށާއި މިޔަންމާގެ ރައްޔިތުކަމުގެ ޙައްޤުތައް ދިނުމަށެވެ. މިމައްސަލަތައް ޙައްލުކުރުމަށްޓަކައި އިސްލާމީ ޤައުމުތައް ގުޅިގެން މިޔަންމާގެ މުސްލިމުންގެ މައްސަލަ އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމަށް ވެސް ސަމިޓުން ނިންމި އެވެ. (އަލްޖަޒީރާ)