16 Aug 2012, 10:56
މަޓާޓޯ އިން އިންތިޒާމްކޮށްގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ "ޖީއެމްއާރު މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012" އަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ވޯޓް ދިނުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ހުޅުވާލައިފި އެވެ.
އެ އިވެންޓް އޮގަނައިޒްކުރާ ހައި ރައިޒުން ބުނީ އިއްޔެ އިން ފެށިގެން ވޯޓްދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި އަންނަ މަހުގެ 15 އާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ބުނީ އެ އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް ވޯޓް ދޭން ބޭނުން ނަމަ "ޓުރެވެލްއެވޯޑް.އެމްވީ"އަށް ވަނުމަށް ފަހު ރަޖިސްޓުރީ ކުރަން ޖެހޭނެ ކަމަށެވެ. ވޯޓް ދިނުމުގައި ފޭސްބްކް އަދި އީމެއިލްމެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް ހައިރައިޒުން ބުންޏެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ އެވޯޑްގައި ކޮންމެ މީހަކަށް ވެސް ވޯޓް ދެވޭނީ ކޮންމެ ކެޓަގަރީއަކަށް އެއް ވޯޓް ކަމަށް ވެސް ހައިރައިޒުން ބުންޏެވެ.
އެއެވޯޑަށް ވޯޓް ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު އެކި ދާއިރާތަކުން 65 ފަރާތެއްގެ ނަން އެއެވޯޑަށް ވަނީ ނޮމިނޭޓް ކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަ ކުރަން ދިވެހި ޓްރެވެލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށްދޭ "މޯލްޑިވްސް ޓުރެވަލް އެވޯޑްސް 2012" ސުޕޮންސާކޮށްފައި ވަނީ ޖީއެމްއާރުންނެވެ. އެއެވޯޑް ދިނުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ.