ފުލުހުން ހިފަހައްޓާފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު އޭނާއާ ހަވާލުކޮށްފިއެވެ.

"ސަން" އަށް މިކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ޒާޔާގެ ފޯން އޭނާއާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.

ޒާޔާ "ސަން" އަށް މައުލޫމާތުދިން ގޮތުގައި އޭނާގެ ފޯނު އަނބުރާ ލިބުނީ ވަކީލުން އެތައް ފަހަރަކު އެދިގެންނެވެ. އަދި މި މުއްދަތުގައި ތަހުގީގަށް ބޭނުންވާ ބަޔާން ވެސް ނަގާފައިނުވާކަމަށް ޒާޔާ ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން ޒާޔާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހެވެ. އެގޮތުން، ޒާޔާގެ ފޯނު ހިފެހެއްޓީ ފުލުހުންނަށް އިންޒާރުދީ، ފޭސްބުކްގައި އޭނާ ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް، ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

އެ މައްސަލަ ބަލައިފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށާއި އަމުރު ހިނގާނީ 72 ގަޑިއިރަށް ކަމަށް ކޯޓު އަމުރުގައިވެއެވެ. އެ އަމުރުގައިވާ ގޮތުން މައްސަލަ ބަލަނީ ފުލުހުންގެ ވައްކަމުގެ މައްސަލަތައް ބަލާ ޑިޕާޓްމެންޓުންނެވެ.

މީގެ އިތުރުން, ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ، ހިފެހެއްޓި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ވެސް ވަނީ އަނބުރާ ދީފައެވެ.

ޝިމަންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި، ފޮޓޯތަކެއް ލީކުވި މައްސަލަ ވެސް ފެންމަތިވިއެވެ. ނަމަވެސް އެ ކަން ފުލުހުން ދޮގުކުރިއެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ ޝިމަންގެ ފޯނު ހިފެއްޓީ މިދިޔަ މަހު 20ގައި އެކްސްގައި ރައީސް އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮށްފައިވާ ކޮމެންޓަކާ ގުޅިގެން ހެއްކާ ގަރީނާ ހޯދުމަށް ކަމަށެވެ. އެ މައްސަލަ ބަލާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށާއި އަމުރު ހިނގާނީ އަންނަ މަހު ފަހެއްގެ ނިޔަލަށް ކަމަށް އަމުރުގައިވެއެވެ.