ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާ، ރޭ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާ ބެހޭ ގޮތުންނާއި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތުގެ މައްޗަށާއި އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ.

މިބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ތާނގައި ވެސް ރާއްޖެ އަށް އެކިކަންކަމުގައި ސަޢޫދީ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ސަޢޫދީ ވަލީޢަހުދު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި އެވެ.