00:50


ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތިން ބޭފުޅަކު ހަމަޖައްސަވައިފި އެވެ.


އެ ކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ތިންބޭފުޅުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ އާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރެއްވި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙަންމަދު ފަހުމީ ޙަސަނެވެ.


މި ތިން ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.


މި ތިން ބޭފުޅުން އެކޮމިޝަންގެ މެންބަރު ކަމުގެ ހުވާކުރެއްވުމާ އެކު މިހާރު އެކޮމިޝަންގައި ހިމެނެނިވަޑައިގެންނަވާ 10 މެންބަރުން ވަނީ ހަމަވެފަ އެވެ.