މެލޭޝިޔާގައި އަލަށް ތައާރަފު ކުރެވޭ އިންޓަނެޓު ގާނޫނަކީ އޮންލައިންގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ގާނޫނެއް ކަމަށް ބުނެ އިންޓަނެޓުގެ ހަރަކާތްތެރީންނާއި ބްލޮގަރުން މުޒާހަރާ ކުރާން ފަށައިފިއެވެ.

މި މުޒާހަރާގައި އެއް ދުވަހުގެ އޮންލައިން ބްލެކްއައުޓެއް ގެންނާނެ ކަމަށް ވެސް މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ވަރަށް ގިނަ ބްލޮގަރުންނާއި ވެބްމާސްޓަރުން ވަނީ އެމީހުންގެ ސައިޓްތަކުގެ ހޯމްޕޭޖުގެ ބަދަލުގައި މުޅިން ކަޅު ކުލަ ހުންނަ ސަފްހާއެއް ލައިފައެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މި ގާނޫނުގެ ބޭނުމަކީ އިންތިޚާބާ ދިމާކޮށް، މީހުންގެ ފާޑު ކިޔުންތައް އިތުރު ވިޔަ ނުދިނުމެވެ. އެހެން ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ އޮފިޝަލުން ވަނީ މިއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.

މިހާރު ގާނޫނު އޮތް ގޮތުން މީހެއްގެ ކޮންޕީޓަރު އެހެން ފަރާތަކުން ހެކު ކޮށްގެން ކުރާ ކަންތަކަށް ވެސް ޒިންމާ ވާން ޖެހެނީ ކޮންޕީޓަރުގެ ވެރި ފަރާތުން ކަމަށް ފާޑު ކިޔާ މީހުން ބުނެއެވެ. އަދި މީގެ ސަބަބުން އަމިއްލައަށް ކުރާ ކަމަކާ ނުލައި ވަރަށް ގިނަ މީހުން ކުށްވެރިވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް މިފަދަ ފަރާތްތަކުން ބުނެއެވެ.