13 Oct 2025, 10:16
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭވެހިފައިވަނީ ނ. މާފަރަށް ކަމަށް ހާމަވެއްޖެއެވެ.
އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް މާފަރަށް 79.2 މިލިމީޓަރުގެ ބޯކޮށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ދޫކުރި މައުލޫމާތުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ މާފަރަށް އެންމެ ގިނައިން ވާރޭވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދޫއަށެވެ. އެއީ، 58.6 މިލިމީޓަރުގެ ވާރެއެވެ. ތިންވަނައަށް އެންމެ ބޯކޮށް 58.1 މިލިމީޓަރުގެ ވާރޭ ވެހުނީ ގދ. ފަރެސްމާތޮޑާއަށެވެ.

އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ވާރޭ ރެކޯޑުކުރެވިފައިވާ ބައެއް ރަށްތަކުގެ މިންތައް-- ފޮޓޯ/ މެޓް
މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
އެއާއެކު، ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.