13 Oct 2025, 09:52
އިދިކޮޅު އެމްޑީޕީން މި މަހުގެ ކުރީކޮޅު ބޭއްވި އެއްވުމުން ހައްޔަރުކުރި އެ ޕާޓީގެ މެންބަރުންނަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުއްލި މައްސަލައެއް ހުށަހަޅަން އުޅުއްވުމުން، އެއީ ހަގީގަތެއް ނޫންކަމަށް ބުނެ އެ ހަށަޅަން ފުރުސަތު ނުދީ ބޭރުކޮށްލައިފިއެވެ.
ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ކުއްލި މައްސަލައެއް ހުށަހަޅަންޖެހޭނީ ހަގީގަތުގެ މައްޗަށް ބަޔާންކޮށް ކަމަށާއި، ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި މައުރޫފަށް ހަގީގަތް ދައްކައިދެވިފައިނުވާ ކަމަށެވެ. އެހެންވެ ކުއްލި މައްސަލައިގައި ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ އެ މައްސަލަ ހުށަނޭޅޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ނަމަވެސް ނިޒާމީ ނުކުތާއެއް ނަންގަވައި މައުރޫފް ވިދާޅުވީ، ކުއްލި މައްސަލަ ހުށަހަޅާއިރު ހެކި ހުށަހަޅަންޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ނެތް ކަމަށެވެ. އެކަމަކު ރިޔާސަތުން އަމަލުކުރަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ނިޒާމީ ނުކުތާ ބަލައިނުގަންނަން ނިންމަވައިފައެވެ.
މައުރޫފްގެ ކުއްލި މައްސަލައިގައި ބުނީ، މިވަގުތު ބަންދުގައި ތިބި އެ ޕާޓީގެ މެންބަރުންގެ ތެރެއިން ބަޔަކަށް ފުލުހުން ޖިސްމާނީގޮތުން އެކި ވަރުގެ އަނިޔާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މެންބަރުންގެ އަސާސީ ހައްގުތައް ފުރިހަމަކޮށްނުދޭ ކަމުގެ ޝަކުވާ އެ މެންބަރުންގެ އާއިލާއިން ކުރަމުން އަންނަ ކަމަށެވެ.
ހަފުތާއެއްވީއިރު ވެސް އެ މެންބަރުންނަށް ފަރުވާދިނުން ގަސްދުގައި ލަސްކޮށްފައިވާކަން ހާމަވާ ކަމަށާއި، އޭގެ ތެރޭގައި ދާއިމީ ބަލިތަކަށް ބޭސްކަމުން އަންނަ ފަރާތްތައް ހިމެނޭ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.
މި ކަންކަމަކީ އިންސާނީ ކަރަމާތް ގެއްލޭ އަނިޔާވެރި އަމަލުތަކެއްކަން ފާހަގަވި ނަމަވެސް އެ މައްސަލަ ތަހްގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ މައުރޫފް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި އެއްވެސް މީހަކާ މެދު ލާއިންސާނީ އަމަލެއް ހިންގައިގެން ނުވާނެ ކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގައިވާ ކަމަށްވެސް އެ މައްސަލައިގައި ވެއެވެ.
މި މަހުގެ ތިންވަނަ ދުވަހު "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރެއިން ދެ މީހަކު ވަނީ ދޫކޮށްލައިފައެވެ. އެ އެއްވުމުން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ:
ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله
- ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
- މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް
- އަޒީމް އަލީ
- އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން
- ޙަސަން ޝާކިރު
އެ މެންބަރުން މިވަގުތު ތިބީ ދޫނިދޫގައި 15 ދުވަހުގެ ބަންދެއްގައެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ އެއްވުމުން ހައްޔަރުކޮށް ބަންދުގައި މިވަގުތު ތިބި ހަ މެންބަރުން ދޫކޮށްލުމަށް ގޮވާލައި އެ ޕާޓީން ވަނީ ސިލްސިލާ ހަރަކާތެއްވެސް މިދިޔަ ބުދަ ދުވަހުގެރޭ ފަށައިފައެވެ.